ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރަމުންގެންދިޔަ މުޒާހަރާގެ ތެރެއިން ވަނީ ހުއްޓުވައިފަ އެވެ. އަދި ރައީސް އިންނެވި މޮޓޯކޭޑަށް ޖެހުނީ އަނބުރާ އައިކޮޅަށް ދާށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަލާމަތީ ބާރުތަކަށް ވަނީ އަމާޒުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އެހާ ފަސޭހަކަމާއެކު މުޒާހަރާކުރަން ތިބި ބަޔަކަށް ހުރަސް އެޅޭ ގޮތްވުމުން އެމަނިކުފާނުގެ ސެކިއުރިޓީއާ މެދު ސޯޝަލް މީޑިއާގައި ދަނީ މީހުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަމަގައިމުވެސް ރައީސް އިންނަވާ މޮޓޯކޭޑް މަގުތަކުން ދަތުރުކުރާއިރު، ސަލާމާތާއި ރައްކާތެރިކަމާއެކު ދެވޭނެކަން ޔަގީންކުރަންވާނެ އެވެ. އަދި ރައީސް އިންނަވާ މޮޓޯކޭޑަށް އެއްވެސް ބަޔަކަށް އެހާ ފަސޭހައިން ހުރަސް އަޅައި ހިފެހެއްޓިގެން ނުވާނެ އެވެ.

ރައީސްގެ މޮޓޯކޭޑަށް ބަޔަކަށް ހުރަސް އަޅަން ފުރުސަތު ލިބުނީ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަލާމަތީ ބާރުތައް ފެއިލްވެފައިވާތީ ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. މާލޭ ތެރޭގައި ހާއްސަކޮށް ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެޔަކު ވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުން ގެންދާކަން ސަލާމަތީ ބާރުތަކަށް ވެސް އެނގެ އެވެ.

އެގޮތަށް ކޮންމެ ރެޔަކު ވެސް މުޒާހަރާ ކުރަމުން ގެންދާ ސަރަހައްދަކަށް ސަލާމަތީ ބާރުތަކުން ފުރިހަމައަށް ތައްޔާރު ނުވެ، ރައީސުލްޖުމްހޫރިއްޔާއާ ދަތުރުކުރައްވާ އުޅަނދެއް ވެއްދުމަކީ ސަލާމަތީގޮތުން ރައްކާތެރި ކަމެއް ނޫނެވެ. އަދި އެ ސަރަހައްދަކީ މުޒާހަރާ ކުރަމުންދާއިރު އަބަދުވެސް ފުލުހުން ރަޔަޓް ގިޔަރުގައި ހަރަކާތްތެރިވަމުން ގެންދާ ސަރަހައްދެކެވެ. އެހެން ނަމަވެސް ރޭ ރައީސްގެ މޮޓޯކޭޑް ދަތުރު ކުރައްވާކަން އެނގޭއިރު ވެސް ސަލާމަތީ ބާރުތަކުން އެކަމަށް ފުރިހަމައަށް ތައްޔާރު ނުވެ ތިބިކަން މިކަމުން ހާމަވެގެންދެ އެވެ.

ރައީސްގެ ސެކިއުރިޓީ އާއި އެމަނިކުފާނު ދަތުރުކުރައްވާ މޮޓޯކޭޑް މިއަށް ވުރެ ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ރައީސް ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް ދިއުމަށް ހުރަސްއަޅާ ހިފެހެއްޓީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑް ހުއްޓުމުން ރައީސް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް އަޑުގަދަކޮށް ހަދައިފަ އެވެ. ރައީސަށް އަޑުއިވޭނެހެން މީހުން އަޑުގަދަކުރަން ފެށުމުން ފުލުހުން ގޮސް މީހުން އެތަނުން ދުރަށް ފައްސާލަން މަސައްކަތް ފެށި އެވެ.

މުޒާހަރާކުރާ މީހުން ތިބި ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ދެވޭ ގޮތް ނުވުމުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ އޮފިސަރުން ވަނީ ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލައިފަ އެވެ.

ރައީސްގެ މޮޓޯކޭޑް މަގުމަތިން ހުއްޓުވާ ކުރިއަށް ދިއުމަށް ހުރަސްއެޅުމުން ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. އެހެންނަމަވެސް ޕީޕީއެމް އިން ބުނީ 20 މީހަކު ހައްޔަރުކުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ހައްޔަރު ކޮށްފަ އެވެ.