ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭދަތުރުކުރެއްވި މޮޓޯކޭޑް ޕީޕީއެމް މުޒާހަރާތެރެއިން ހިފެހެއްޓި މައްސަލާގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑަރު އަބްދުﷲ މުހައްމަދު ވަޒީފާއިން ސަސްޕެންޑްކޮށް ތަހުގީގު ފަށައިފި އެވެ.

ރައީސް ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް ދިއުމަށް ހުރަސްއަޅާ ހިފެހެއްޓީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އެމްއެންޑީއެފް އިން މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރުވަނީ ތަހުގީގު ފަށާފައިވާ. އަދި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑަރުގެ އިތުރުން އޭނާގެ ދަށަށް މަސައްކަތް ކުރާ އެހެން އޮފިސަރެއް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކޮމެޓީގެ ޗެއާއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ރައީސްގެ މޮޓޯކޭޑް ހިފެހެއްޓި މައްސަލާގައި މިހާރު ވަނީ 4 މީހުން ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވެސް ހުށަހަޅާފަ އެވެ.