މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރޯދަ މަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އަންނަނީ މަސައްކަތް ކުރަމުނެވެ. އެގޮތުން މިއަހަރު ރޯދަ މަހުވެސް މާލެ އެކި ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން، ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ހަމަ އެހެންމެ ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެއާއެކު، ރޯދަ މަހު ހާއްސަ ސަމާލުކަމެއް ދީގެން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބަލަހައްޓަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ދުވާރު މައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީ ޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް ބަލަހައްޓަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ އެވެ.

އޭގެ އިތުރުން، ރަމަޟާންމަހު ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ބޯޓު ފަހަރުތަކަށް މުދާ އަރުވައި ބޭލުމަށް މަޑުކޮށްގެން އޮންނަ އުޅަނދުތަކަށް އަވަސްކުރުމަށް އެންގުމާއި ބާލާފައި ހުންނަ މުދާތައް އަވަހަށް އެތަނުން ހުސްކުރަން އަންގުމާއި ބާޒާރުމަތީ ފިހާރަތަކަށް މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތައް އުތުރުފަޅީގައި މަޑުކުރަން އެންގުމުގެ އިތުރުން ޕޭވްމަންޓް އަދި ޕާކިން ޒޯނުތަކުގައި މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ މުދާތައް ނެގުމަށް އަންގަމުންދާނެ އެވެ. އަދި މާލެތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައި ވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ އެވެ.

https://www.facebook.com/policemv/posts/517670717219328

ހަވީރުގެ ވަގުތުތަކަކީ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކަކަށްވުމުން މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގެ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާނެ އެވެ. އެގޮތުން، ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑު ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބަސް ސްޓޮޕްތައް ކައިރި ވެސް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދާނެ އެވެ.