އިސްލާމީ އުއްމަތަށް ރަމަޟާން މަސް ފެށިގެންދާއިރު ޣައިރު މުސްލިމް ގައުމުތައް ނުވަތަ މައިނޯރިޓީ ދީނެއްގެ ގޮތުގައި އިސްލާމް ދީން އޮންނަ ގައުމުތަކުގައި މި މައްސަރު ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަ ކުރުން ވަރަށް މަދެވެ.
އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އެއްބާރު ކަމަށްވާ އިނގިރޭސި ވިލާތުގައި މިފަހަރުގެ ރޯދަ މަސް ވަރަށް ތަފާތެވެ. އެގައުމުގެ އެންމެ ހަލަބޮލި ހިސާބުގައި ރަމަޟާން މަހުގެ ތައްޔާރީތައް މިވަނީ ފެނިގެން ގޮސްފަ އެވެ.
އެގޮތުން ސެންޓްރަލް ލަންޑަންގައި ރަމަޟާން ލައިޓްްސްގެ ގޮތުގައި ބައްތި ތަކެއް ދިއްލައި އެ ސަރަހައްދު މުޅިން ޖަރީ ކުރެވިފައިވެ އެވެ. އަދި ދިއްލާލެވިފައިވާ ބޮކިތަކުން ރަމަޟާން މަހުގެ ތަހުނިޔާ ވެސް ކިޔާފައިވެ އެވެ.
މިއީ އެ ގައުމުގައި ރަމަޟާން މަސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އަދި އާއްމު ތަނެއްގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. ބަލާ ބެލުމަށް މި މަންޒަރު ރީތިއިރު މުސްލިމުންނާއި އެހެން މީހުން ވެސް ވަނީ އެތަނުގައި ފޮޓޯ ނަގާ ހަދާފަ އެވެ.
ކްރިސްޓިއަނުންގެ މެޖޯރިޓީ އޮންނަ އިނގިރޭސި ވިލާތުގައި ކްރިސްޓިއަނުންގެ އީދެއް ކަމަށްވާ ކްރިސްމަސްއާ ގުޅުވައިގެން އެކި ތަންތަނުގައި ބައްތި ދިއްލާ އަލި ކުރުމަކީ އާއްމު ކަމެކެވެ.
އެހެން ނަމަވެސް ފުރަތަމަ ފަހަރަށް އާއްމު ތަނެއްގައި ރަމަޟާން ލައިޓްސް ދިއްލުމާއެކު މިކަމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.