އާއްމުކޮށް އެއް ރަށެއްގައި ނުވަތަ އެއް ސަރަހައްދެއްގައި އުޅޭ މީހުން ރޯދަ ވީއްލަނީ އެއް ގަޑިއެއްގަ އެވެ. އެއީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެކަން ކުރެވެމުން އަންނަ ގޮތެވެ.
އެހެން ނަމަވެސް މިއޮތީ މުޅިން ތަފާތު ވާހަކަ އެކެވެ. އެއް އިމާރާތެއްގައި އުޅޭ އެކި މީހުން އެކި ގަޑިތަކުގައި ރޯދަ ވީއްލާ ވާހަކަ އެވެ. އެއީ ދުބާއީގެ ބުރުޖް ޚަލީފާ އެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާގައި އުޅޭ މީހުން އެކި ގަޑިތަކުގައި ރޯދަ ވީއްލުމުގެ ފަހަތުގައި ސައިންޓިފިކް ސަބަބެއް އޮވެ އެވެ.
ރަމަޟާން މަހުގެ ރޯދަ ވީއްލަން އޮންނަނީ އެމީހަކު އުޅޭ ސަރަހައްދަކަށް އިރު އޮއްސުމުންނެވެ. މި ބީދައިން ބަލާއިރު އެ އިމާރާތުގައި އުޅޭ މީހުން ރޯދަ ވީއްލަން ޖެހޭ ވަގުތު ތަފާތެވެ.
އެގޮތުން އުސް މިނުގައި 828 މީޓަރު ހުންނަ އެ އިމާރާތުގެ 80 ވަނަ ފަންގިފިލާއާ ހަމައަށް އުޅޭ މީހުންނަށް ކަލަންޑަރުގައިވާ ގޮތުގެ މަތިން ރޯދަ ވީއްލޭނެ އެވެ.
އެހެން ނަމަވެސް 80 ވަނަ ފަންގިފިލާއަށްވުރެ މަތީގައި ދިރިއުޅޭ މީހުންނަށް އެއަށްވުރެ ގިނައިރު އިރު ފެންނަން ހުންނާނެ ކަމަށާއި އެހެން ކަމުން ބިމުގައި ދިރިއުޅޭ މީހުންނާ އެއްވަގުތެއްގައި ރޯދަ ވީއްލުމަކީ އެމީހުންގެ ރޯދަ ގެއްލޭނެ ކަމެކެވެ.
މި ގޮތަށް މި އިމާރާތް ތިން ބަޔަކަށް ބެހިފައިވާއިރު އެތިން ބައިގައި ދިރިއުޅޭ މީހުން ރޯދަ ވީއްލަން ޖެހެނީ އެކި ގަޑިތަކުގަ އެވެ. މި ގަޑިތަކުގެ މެދުގައި ގާތްގަނޑަކަށް ތިން މިނެޓުގެ ތަފާތު އުޅެ އެވެ.
މިކަން ދުބާއީގެ އިސްލާމީ ފަތުވާ ނެރޭ ކޮމެޓީއިން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ކޮމެޓީއިން ބުނީ އެ މީހަކު ހުރި ތަނަކަށް އިރު ފެންނަން ހުއްޓާ ރޯދަ ވީއްލުމަކީ ސައްހަ ކަމެއް ނޫން ކަމަށެވެ.
މިއީ ފަހަރުގައި އަހަރުމެންނަށް އާ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް މިއީ އެކަން އޮންނަންވާ އެންމެ ރަނގަޅު ގޮތެވެ.