މި ސަރުކާތުގެ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ ބޭފުޅުން އިސްތިއުފާދޭން ވެސް ނުޖެހޭނެ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެބޭފުޅުން ވަކިވެސް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ "އަނެއްދިވެހިރާއްޖެ" ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރުގެ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫން ކަމަށެވެ. އަދި މަގާމުތަކުގައި ތިބީ އެމްޑީޕީން ހުށަހެޅި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް އެ ބޭފުޅުން ވަކި ވެސް ނުކުރެވޭނެ. އެ ބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެފަދައިން ވިދާޅުވި ކަމަށް ވިޔަސް ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެކެވެ.

މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ ނަޝީދާއެކު މަސައްކަތް ކުރައްވަމުންނެވެ. އޭގެތެރޭގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށް ކަނޑައަޅާފައި ވިޔަސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިގެން ރިޔާސީ މެނިފެސްޓޯއެއް ހަދަން ނިންމާފަ އެވެ. އެކަމާ ގުޅިގެން ނަޝީދުގެ މަންދޫބުންނާއި ގާސިމްގެ މަންދޫބުން ވެސް ރޭ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.