ރޯދަ މަހަކީ އަހަރުމެންގެ ކެއިން ބުއިމަށް ބޮޑު ބަދަލުތަކެއް އަންނަ މަހެކެވެ. މީގެ ތެރެއިން ގިނަ ބަދަލުތަކަކީ ސިއްހަތަށް ފައިދާހުރި ބަދަލުތަކެކޭ ނުބުނެވޭނެ އެވެ. އެއާ ޚިލާފަށް ރޯދަ މަހަކީ ދުޅަހެޔޮ މަހަކަށް ހެދުމަށްޓަކައި އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ގެންގުޅެން ޖެހޭ ބައެއް އާދަތަކަށް ބަލާލާނަމެވެ.

ގިނައިން ދިޔާތަކެތި ބޭނުން ކުރުން

ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޯށެވެ. މަދުވެގެން 8 ތަށި ފެން ބޯން އާދަ ކުރާށެވެ. ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ހަށިގަނޑުން ވިހަތައް ބޭރުކޮށްދީ، ކިޑްނީގައި ކުޑަކަމުދާ ނަޖިސް ގިނައިރު ހަރުލާފައިހުރުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި މިއީ ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެއްފަހަރާ މާ ގިނައިން ނުކެއުން

މާގިނައިން ކެއުމަކީ ހަށިގަނޑުގައި ކެލޮރީ އިތުރުވެ، ހަށިގަނޑުގެ ބުރަހެލިވެ ބަރުދަން އިތުރުވެގެންދާނެ ކަމެކެވެ. އެއްފަހަރާ މާގިނައިން ކެއުމުން ހަށިގަނޑަށް ވަރުބަލިކަމާ ލޮޑުކަން ގެނެސްދީ، މަތިންއެރުން ފަދަ އުނދަގޫތައް ކުރިމަތިވާގޮތް ވެއެވެ. އޭގެ ބަދަލުގައި ރޯދަ މަހު ވެސް ތިން އިރު މަދުން ކާން އާދަ ކުރާށެވެ. ހާރާއި ރޯދަ ވީއްލުމާއި ތަރާވީސް ދަމެވެ.

"ބެލެންސްޑް" ކެއުމެއް ޚިޔާރު ކުރުން

ކެއުމުގައި ކާނާގެ ހުރިހާ ބާވަތެއް ހިމެނޭތޯ ބަލާށެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ މައިގަނޑު މާއްދާތައް ކޮންމެ އިރެއްގެ ކެއުމުގައި ވެސް ވަކި ވަރަކަށް ހިމަނަންވާނެ އެވެ. ވަކިން ޚާއްޞަކޮށް ކޮމްޕްލެކްސް ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކާއި، ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ކެއުމުގައި ހިމަނާށެވެ.

މާ ގިނައިން ފޮނިތަކެތި ނުކެއުން

ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ފޮނިކާތަކެތި މާގިނައިން ބޭނުން ކުރުމުން ދުރުހެލިވާށެވެ. މިފަދަ ކާތަކެތި ވަރަށް އަވަހަށް ހަޖަމުވާނެ އެވެ. ނަތީޖާއަކަށް ވަނީ ދުވާލު ރޯދައަަށް ހުންނަ ގަޑީގައި ބަނޑުހައިވުމެވެ. އޭގެ ބަދަލުގައި ކޮމްޕްލެކްސް ކާބްސް އިތުރު ކުރާށެވެ.

ނިދި ފުރިހަމަ ކުރުން

ރޯދަމަހުގައި ވެސް ކޮންމެ ރެޔަކު މަދުވެގެން 8-6 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ފުރިހަމަކުރެވޭތޯ ބަލާށެވެ. މުޅި ރޯދަމަހުގެ ރޭގަނޑު ހޭލައި ކުޅިވަރާ މަޖަލުގައި ނުނިދާ ހޭދަކުރުމުން، ދުވާލުގެ ވަގުތުތަކުގައި ތާއްޔަށްޖެހުމާއި، ބޮލުގައި ރިހުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ.

ތެލުގެ ބާވަތްތައް މަދު ކުރުން

ތެލާއި ސަރުބީ އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރާ މިންވަރު މަދުކުރާށެވެ. މިފަދަ ކާނާގެ ސަބަބުން މޭ އެންދުމާއި، މެއިން ދިލަނެގުން އަދި މަތިން އެރުން ފަދަ ގޭހުގެ އުނދަގޫތައް ކުރިމަތިވާގޮތްވެ އެވެ.