މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ބޭނުންވާ ބޭރުގެ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު މޮނީޓާކުރަން ނުވަތަ އޮބްޒާވް ކުރަން ބޭނުންވާ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކުން މާޗް 25، ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ފަރާތްތަކަކީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށް ވެގެންނުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ކޯޑް އޮފް ކޮންޑަކްޓެއް އަދި ގަރާރެއްގައި ސޮއި ކުރަންޖެހޭނެ އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ. އިންތިޚާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން ޖުމްލަ 5،600 އޮފިޝަލުން ހޯދަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.