އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބޭރުން އޮންކޮލޮޖީގެ ހިދުމަތްތަކާއި ބަލީގެ ބާވަތުން ހަދަންޖެހޭ ކޮމްޕްލެކްސް ޓެސްޓުތައް ހެދުމަށް ފޮނުވި ޕޭޝަންޓުންގެ އަދަދު ނިސްބަތުން އެންމެ މަތީގައި އުޅޭ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު 1,638 މީހުން ފޮނުވިއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 1,996 އަށް އަރާފައެވެ. އަދި 2025 ވަނަ އަހަރު މި ބައްޔަށް ބޭރަށް ފޮނުވި މީހުންގެ އަދަދު ވަނީ 2,000 އަށްވުރެ މައްޗަށް ގޮސްފަ އެވެ. މީގެ ތެރޭގައި މުޅިން އަލަށް ފޮނުވުނު ފަރާތްތަކުގެ އިތުރުން، ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވަންޖެހޭ ބަލިމީހުންނާއި، އަވައްޓެރި ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ވެސް ހިމެނެ އެވެ.
ބޭރަށް ފޮނުވާ މީހުންގެ އަދަދު ގިނަ ނަމަވެސް، ކެންސަރު ބަލީގެ މައިގަނޑު ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީ ގިނަ މީހުން މިހާރު ހަދަމުން ދަނީ ރާއްޖޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 2025 ވަނަ އަހަރު ކީމޯތެރަޕީގެ ހިދުމަތް ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުންނެވެ. މިހާރު ކީމޯތެރަޕީގެ ހިދުމަތް ގާއިމްކޮށްފައިވާ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މިކަމަށް ހާއްސަ 9 އެނދު ހުރިއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް 2025 ވަނަ އަހަރު 755 މީހުން ވަނީ މި ފަރުވާ ހޯދާފަ އެވެ.
ދިވެހިރާއްޖޭގެ ކެންސާ ރަޖިސްޓްރީއަށް ބަލާއިރު 1,900 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރު ކަމަށް ވާއިރު، ކޮލޯން ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ތައިރޮއިޑް ކެންސަރުގެ އިތުރުން ސާވިކަލް އަދި ލިވާ ކެންސަރު ރާއްޖޭގައި ގިނަކަން ފާހަގަކުރެވެ އެވެ.
މި ބަލީގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހިސާބުތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރު އެކަނި ވެސް ރާއްޖެއިން 264 މީހަކު ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ.
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުކުރު ދުވަހު
ސިވިލް ކޯޓު ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި
ޕެނަލްޓީ ޖަހައިގެން ސުވިޓްޒަލެންޑް މޮޅުވެއްޖެ