ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު މި ހަފްތާގެ ބަންދުގައި ޖަމިއްޔަތުލް ސަލަފުން ބައްދަލުކުރި ކަމަށް ބުނާ ހަބަރު އެ ޖަމިއްޔާއިން ދޮގު ކޮށްފި އެވެ.

ސަލަފާއެކު ގާސިމް ބޭއްވި ބައްދަލުވުން ބޭއްވި ކަމަށް ވަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހަފްތާގެ ބަންދު ތެރޭގަ އެވެ.

ސަލަފާއެކު ގާސިމް ބޭއްވެވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ ރައީސް ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅި ކަންކަމާމެދު މަޝްވަރާ ކުރުމެވެ. އެ ބައްދަލުވުމުގައި ސަލަފުން ވަނީ ރައީސް ނަޝީދާއެކު ކުރިއަށްދާން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް ސަލަފުން ގާސިމްއާ ބައްދަލުކުރި ކަމަށް ބުނެ މީޑިއާތަކުގައި ޖަހާފައިވަނީ ދޮގު ހަބަރެއް ކަމަށް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ސަލަފްގެ އިސް ބޭފުޅުންތަކަކާ އެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބޭއްވެވި ބައްދަލުވުމަށް ފަހު އިތުރު ބައްދަލުވުމެއް ނުބާއްވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރަކީ ޒިންމާދާރުކަމެއް ނެތި ފަތުރަމުންދާ ދޮގު ހަބަރުތަކެއް ކަމަށް ވެސް ސަލަފުން ބުނެ އެވެ.

ސަލަފަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިއާތަކުން އެކަމަށް މާފަށް އެދުމަށް ވެސް ސަލަފުން ވަނީ އެދިފަ އެވެ.

ކަމުގެ ދޮގު ތެދު ބެލުމެއް ނެތި ހަބަރު ނުފެތުރުމަށް ހުރިހާ ނޫސްވެރިންނަށް ވެސް އިލްތިމާސްކުރާ ކަމަށް ވެސް ސަލަފުން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ސިޔާސީ ޕާޓީތަކުން އަންނަނީ ސަލަފް ޖަމިއްޔާއާ ބައްދަލު ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޕީޕީއެމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީން ވެސް ވަނީ ސަލަފްއާ ބައްދަލުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ މި މަހުގެ 20 ވަނަ ދުވަހު ސަލަފާ ބައްދަލުކޮށްފަ އެވެ.