މިއަދު މި ފެށުނު 2021 ވަނަ އަހަރާ ސަރުކާރުން މި ކުރިމަތިލަނީ ގައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، އައު އަހަރަކީ ދިވެހި ރައްޔިތުންނާއި މުޅި ޤައުމަށް ވެސް ފާގަތި އަދި ތިޔާގި އަހަރެއް ކަމުގައި ލެއްވުން އެދި އެ މަނިކުފާނު ދުޢާ ދަންނަވާފައިވެ އެވެ.
ފާއިތުވި 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ގައުމު ފުރަބަންދުކުރަން ޖެހި، އަދި އިގްތިސާދީ ގޮތުން ނާޒުކު ދަނޑިވަޅަކާ ކުރިމަތިކުރުވި އަހަރެއް ކަން ފާހަގަކުރައްވާ، ރައީސް މި ހުސްވި އަހަރު ސިފަކުރެއްވީ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހުނު އަދި، އެތަކެއް ހައްގުތަކެއް ގެންލިގެންދިޔަ އަހަރެއްގެ ގޮތުގަ އެވެ. އަދި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެންދިޔަ އަހަރެއްގެ ގޮތުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، މި ފެށުނު އައު އަހަރާ ސަރުކާރުން މި ކުރިމަތިލަނީ އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކު ކަމަށެވެ. އަދި، އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގްތިސާދު ސިންދަފާތު ކުރުމުގެ އަމާޒާ އެކުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ތިމާވެއްޓާ އެއްކީލިކޮށް، އިޖްތިމާއީ މައްސަލަތައް ވެސް ހައްލު ކުރެވި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ އަޒުމާ ވެސް އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އިގްތިސާދު އާރާސްތުކޮށް، މުޖުތަމައަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތުގައި ޢާއިލީ އަދި ފަރުދީ ފެންވަރުގައި ބައިވެރިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސްގެ ޚިތޯބުގައި އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ. އަދި، އާމްދަނީ އިތުރުކުރުމާއި، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި މުޅި ގައުމު އެކުގައި އެއް އަޒުމެއްގައި ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ޚިތޯބު ނިންމަވައިލެއްވީ މި ފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށާއި، ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހާސިލްވާނެ އަހަރެއް ކަމުގައި ލައްވައި، އިގްތިސާދު ކޮޅަށް ޖަހައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.