މާލެއަށް މިއަދު ވެހުނު ބޯ ވާރޭ ހުއްޓާލިތާ އެތައް އިރެއްވިއިރު ވެސް މަގުތަކުން ފެން ނުހިނދެނީ ޕަމްޕުތައް ނުޖައްސާތީ ނޫން ކަމަށާއި މައްސަލަ އުޅެނީ ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވާ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރުން ހަދާފައިވާ މަގުތަކުގެ ފެންވަރާމެދު ވަނީ އަމާޒުވެފަ އެވެ. އަދި މާލޭގައި ޕަންޕް ސްޓޭޝަންތައް ގާއިމްކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު މިހާރު ގެ މޭޔަރު ވަނީ ސަރުކާރުން ޕަންޕްތައް ނުޖައްސާ ލަސް ކުރިކަމަށް ވެސް ތުހުމަތު ކުރައްވާފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑަބްލިއުއެސްސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެ ނިޒާމު ޑިޒައިންކޮށްފައިވަނީ ވާރޭ ހުއްޓާލާތާ 2-3 ގަޑިއިރުގެ ތެރޭގައި ފެން ހިންދާ ގޮތަށް ކަމަށެވެ. ނަމަވެސް، އެތައް އިރެއް ވެގެން ދިޔައިރު ވެސް، ފެން ނުހިނދެނީ ކެޕޭސިޓީގެ މައްސަލައަކުން ކަމަށާއި މިހާރުގެ ކެޕޭސިޓީއަކީ ނުވަ ކިލޯވޮޓް ކަމަށް އޭނާ ވިދާޅުވި އެވެ.

އުނދަގުލެއް ނެތި ފެން ހިންދުމަށް ކެޕޭސިޓީ 13 ކިލޯ ވޮޓަށް ބަދަލުކުރަންޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ.

"ޑިޒައިންކުރިއިރު މާލޭގެ ފުރާޅުތަކުން އަންނަ ފެނާއި ބޮޑުތަކުރުފާނު މަގު އަލުން ހެދިއިރު، އުސްކޮށް ހެދީމަ އެތެރެއަށް ހުރިހާ ފެންތަކެއް ދަނީ. އެއިން އެއްވެސް އެއްޗަކަށް ނުބަލާ ޑިޒައިންކޮށްފައި ހުރީ." ޝާހު ވިދާޅުވި އެވެ. "ޑިޒައިންގެ މައްސަލަ މިއުޅެނީ."

އެންމެ ބޮޑަށް ފެންބޮޑުވި މަގުތަކުގެ ތެރެއިން ކަނބާއައިސަ ރަނި މަގަކީ މި ސަރުކާރުގައި އާރުޑީސީއާ ހަވާލުކޮށްގެން އަލުން ހެދި މަގެކެވެ. އެ ކުންފުނިން ވެސް ވަނީ، ކުރިން އެ މަގުގައި ފެން ހެދޭ ގޮތަށް ފެން ބޮޑުނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އަމީނީ މަގުގައި ފަހުން ތާރުއެޅި ބައިގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވި އެވެ.