ހުޅަނގުގެ ގައުމުތަކަކީ އަހަރުމެންނަށް އެނގޭނެ ފަދައިން ޔަހޫދީންނާއި ނަސާރާއިންގެ މެޖޯރިޓީ އޮންނަ ގައުމުތަކެކެވެ. އިސްލާމް ދީނަކީ އިނގިރޭސި ވިލާތާއި ހުޅަނގުގެ އެހެން ގައުމުތަކުގައި ވެސް މައިނޯރިޓީ ދީނެކެވެ.
އެހެން ނަމަވެސް ޣައިރު މުސްލިމް އެ ގައުމުތަކުގައި ވެސް ރަމަޟާން މަހުގެ ރޫހު ވަނީ ވަރަށް ރަނގަޅަށް ބަލައިގަނެފަ އެވެ. އީމާންކަން ތަފާތުވި ނަމަވެސް ސުލްހަވެރިކަމާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު މުސްލިމުންގެ ސަގާފަތް ވެސް މަޑުމަޑުން އެ ގައުމުތަކުގައި ދަނީ އާލާ ވަމުންނެވެ. މިކަން ދައްކުވައިދޭ ގިނަ ހެކިތަކެއް އިނގިރޭސި މުޖުތަމައުން ވަނީ ފެނިގެން ގޮސްފަ އެވެ.
ލަންޑަންގައި ރަމަޟާން ލައިޓްސް ދިއްލުން
ރޯދަަމަހުގެ ފުރަތަމަ ދުވަހު ސެންޓްރަލް ލަންޑަންގެ ޕިކަޑިލީ ސާކަސްގައި އެ ސިޓީގެ މޭޔަރު ސާދިގް ޚާންގެ އިސް ނެންގެވުމާއެކު ދިއްލި ރަމަޟާން ލައިޓްސްއަކީ ޔޫރަޕްގެ ގައުމެއްގައި އެފަދަ ގޮތަކަށް ރަމަޟާން މަސް ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. އެ އަލިގަދަ ބޮކިތަކުން މުޅި ސަރަހައްދު ދިއްލާލިއިރު އެއީ އެ ގައުމުގެ މުސްލިމުންނަށް ލިބުނު ވަަރަށް ބޮޑު އުފަލެކެވެ.
ޑިޒްނީން ރަމަޟާން މަސް ފާހަގަ ކުރުން
ޑިޒްނީގެ 100 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ރަމަޟާން މަސް ފާހަގަ ކުރަން ނިންމައި އެކަން ވަނީ ފަށައިފަ އެވެ. އެގޮތުން ރަމަޟާން މަހުގެ ތެރޭގައި، އެ ކުންފުނީގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއި މުޅި ދުނިޔޭގައި އުޅޭ އެ ކުންފުނީގެ ސަޕޯޓަރުންނަށް ދޭ ހަދިޔާއެއްގެ ގޮތުން އެ ކުންފުނިން ވަނީ މުސްލިމް ކެރެކްޓަރުން އެކުލެވޭ އުފެއްދުންތައް ނެރެފަ އެވެ.
ކުޅިވަރުގެ މަޝްރަހުގައި ރަމަޟާން މަސް ބަލައިގަތުން
ދުނިޔޭގެ އެންމެ ވާދަވެރި ފުޓްބޯޅަ ލީގު ކަމަށްވާ އިންގްލިޝް ޕްރިމިއާ ލީގުގައި ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ބައިވެރިވެ އެވެ. މި ކުޅުންތެރިންނަކީ މެޗުގެ ތެރެއިން ވެސް ރޯދަ ހިފާ ބަޔަކަށް ވުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އިރުއޮއްސޭ ގަޑީގައި ކުޅޭ މެޗުތަކުގެ މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމަށް މެޗު މެދުކަނޑާލަން ނިންމައިފަ އެވެ.
ޝާހީ އާއިލާ އާއި ސަރުކާރުތަކުން ރޯދައިގެ ހެޔޮ އެދުންތައް ފޮނުވުން
އިނގިރޭސި ޝާހީ އާއިލާ އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މުސްލިމުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތައް ފޮނުވައިފަ އެވެ. އެގޮތުން އިނގިރޭސި ޝާހީ އާއިލާއިން މި މަހުގެ މުނާސަބަތުގައި ޓްވީޓެއް ކުރިއިރު ކެނެޑާގެ ރައީސް ވަނީ ރޯދަ މަހަކީ އިޖުތިމާއީ ގުޅުންތައް އިތުރަށް ވަރުގަދަ ކޮށްދޭ މަހެއް ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސި ވިލާތުގައި "އިފްތާރު ޓެންޓް"ތައް ޖެހުން
ރަމަޟާން އިފްތާރު ޓެންޓް ޕްރޮޖެކްޓުގެ ދަށުން އިނގިރޭސި ވިލާތުގެ އެކި ސިޓީތަކުގައި ރޯދަ ވީއްލުމަށްޓަކައި "އިފްތާރު ޓެންޓު" ތައް ޖަހަން ވަނީ ހަމަޖެހިފަ އެވެ. ދެހާސް ތޭރައިން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްދާ މި ކެމްޕެއިންގެ ބޭނުމަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އެއްތާކުން ރޯދަވީއްލުމުގެ ފުރުސަަތު ހޯދައިދިނުމެވެ.