މާލޭގައި ގަވާއިދާ ހިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ހުސްކޮށް އެތަން ބަންދުކޮށްފި އެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ.ގަސްކަރަގެއާ ޖެހިގެންނެވެ. މިއީ މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ކޮން ބައެއްގެ ތަނެއް ކަމެއް އެނގޭނެ ގޮތެއް ނުވި އެވެ.

ފުލުހުން މިއަދު ބުނީ ގުދަނުގައި ހުރި ތަކެތި ހުޅުމާލެއަށް މިހާރު ބަދަލުކޮށް، އެތަން މިހާރު އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެތަނުގައި ކެމިކަލް ގުދަން ހިންގި ފަރާތްތަކާއިމެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ.

އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވި އިރު އެއަށްފަހު މާލެއިން 40 އެއްހާ ކެމިކަލް ގުދަން ތިލަފުށްޓަށް ބަދަލުކުރި އެވެ. އެ ހާދިސާގައި 6 ގެއަކަށާއި 4 ގުދަނަކަށް އަލިފާނުގެ އަސަރު ކުރި އެވެ. އަދި ގިނަ ބަޔަކު ހާލުގައި ވެސް ޖެހުނެވެ.

މިހާރު ވެސް މާލޭގައި ބައެއް ފަރާތްތަކުން ސިއްރުން ކެމިކަލް ގުދަން ކުރަމުންދާ ކަމަށްވެ އެވެ.