ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީ އާއި އެކު ކޯލިޝަނެއް ނުހަދާނެ ކަމަށާ އެއްވެސް މީހެއްގެ ފަހަތައް ނާރާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހިމް އިއްޔެ ވަނީ ޖޭޕީ އާއެކު ކޯލިޝަން ހެދުމަށް އުމަރު އަށާއި ޑރ. މުނައްވަރު އަށް ދައުވަތު ދެއްވާފަ އެވެ.

މީގެއިތުރުން ވެސް އެމްއެންޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއާރުއެމް އަށް ވެސް ގާސިމް ދައުވަތު ދެއްވި އެވެ. އެހެން ނަމަވެސް އެމްއެންޕީން ވެސް އަދި ޕީޕީއެމް ވެސް ގާސިމް އާއެކު ކޯލިޝަން ނަހަދާނެ ކަމަށް ވަނީ ބުނެފައި އެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ ފަހަތައް ނާރާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވަނީ އެކަނި ކަމަށް އުމަރު ވިދާޅުވި އެވެ.

ގާސިމް ގެ ދައުވަތާ ގުޅޭގޮތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވީ ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ޕާޓީތަކުން ކޯލިޝަން ހަދައިގެން ސަރުކާރު ބައިކޮށް ފޮތިފޮތިކުރަމުންދާތީ ގައުމަށް ލިބޭ ގެއްލުންމާބޮޑު ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެއްވެސް ޕާޓީއަކާއެކު އަދި އެއްވެސް ސިޔާސީ ބޭފުޅަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް މީގެ ކުރިން ޑރ. މުނައްވަރު ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީ އިން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް ދިނުމަށް ނިންމާފައި އެވެ.

ގާސިމްގެ ދައުވަތާއި ގުޅިގެން އެމްއާރުއެމް އިން އަދި ވަކި ފޮތެއް ނުނިންމަ އެވެ. އެހެން ނަމަވެސް އެ ޕާޓީން ގެންދަނީ އެކަމާ ގުޅޭގޮތުން ޕާޓީ ތެރޭގައި މަޝްވަރާ ކުރަވަމުންނެވެ.