ދުނިޔޭގެ މަޝްހޫރު މީހުން މުސްލިމުންގެ ސަގާފަތްތަކުގައި ބައިވެރިވަނިކޮށް ހިތަށް ސިފަކުރެވޭ ހެއްޔެވެ؟ އެ ފަރާތްތަކުން އަހަރުމެންނެކޭ އެއްފަދައިން ރޯދަމަހުގެ ކަންކަމުގައި ޝާމިލްވެ އުޅޭތަން ހިތަށް ގެނެވޭ ހެއްޔެވެ؟ ޔޫއޭއީގެ ޑިޖިޓަލް އާޓިސްޓެއް ކަމަށްވާ ޖްޔޯ ޖޯން މުއްލޫރު ދައްކުވައިދެނީ އެ މަންޒަރުތަކެވެ.
"ދަ ދުބާއީ ފުޑް ސްޓްރީޓް"ގެ ނަމުގައި މުއްލޫރު އެންމެ ފަހުން އާއްމުކޮށްފައިވާ ކުރެހުންތަކަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކޮށްގެން ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން ދުބާއީގެ އާއްމު ރޯދަ ވީއްލުންތަކުގައި ބައިވެރިވާނަމަ އެ މަންޒަރު ފެންނާނެ ގޮތް ދައްކުވައިދޭ ކުރެހުންތަކެކެވެ.
ކުރެހުންތަކެކޭ ވެސް ހީނުވާފަދަ އަސްލާ އެއްގޮތް އެ ކުރެހުންތަކުގައި ފުޓުބޯޅަ ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިން ވެސް ރޯދަ މަހުގެ ކަންކަމުގައި ބައިވެރިވާ މަންޒަރު ފެނެ އެވެ.
1. ޑޭވިޑް ބެކަމް
މި ކުރެހުމުގައި މުއްލޫރު ދައްކުވައިދީފައިވަނީ ކުރީގެ އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމްދުބާއީގެ ރޯދަ ވީއްލުމުގައި ބައިވެރިވާ ފަރާތްތަކަށް އެހީވުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަންޒަރެވެ.
2. ޓޮމް ކުރޫޒް
މިޝަން އިމްޕޮސިބަލްގެ ތަރި ޓޮމް ކްރޫޒް ފެނިގެން ދަނީ ދުބާއީގެ މަގުމަތީގައި ބާއްވާ ރޯދަ ވީއްލުމެއްގައި އާއްމުންނެކޭ އެއްފަދައިން ބައިވެރިވަނިކޮށެވެ.
3. ބަރަކް އޮބާމާ
މުއްލޫރުގެ މި ކުރެހުމުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ދުބާއީގައި ރޯދަމަހު ޒީނަތަކަށް ވަރަށް އާއްމުކޮށް ބޭނުން ކުރެވޭ ފާނޫޒު ބައްތިއެއް (ލެންޓާން)އެއް ހިފައިގެން ހުންނަ މަންޒަރު ފެނެ އެވެ.
4. ބިލް ގޭޓްސް
ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް ނޫކުލައިގެ ކުރުތާއެއްގައި ރޯދަ މަހުގެ ސަގާފަތްތަކުގައި ބައިވެރިވާ މަންޒަރަކީ ކޮންމެ ކޮންމެ ދުވަހަކު ފެންނާނެ މަންޒަރެއް ނޫނެވެ.
5. ލައޮނަލް މެސީ
ޔޫއޭއީގެ ސަގާފީ ހެދުމެއްގައި ބޮލުފޮށައަކާއެކު ބާސެލޯނާގެ ކުރީގެ ފޯވާޑް ލައޮނަލް މެސީ ފެނިގެންދަނީ ވަރަށް ވެސް ތަފާތު ކޮށެވެ.
6. ޕޯޕް ފްރާންސިސް
ޔަހޫދީ ދީނުގެ ބޮޑެއް ކަމަށްވާ ޕޯޕް ފްރާންސިސް މުސްލިމުންގެ އީދެއްގައި ބައިވެރިވުމަކީ ހަގީގީ ދިރިއުޅުމުގައި ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
7. ވިލް ސްމިތު
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ ތަރި ވިލް ސްމިތު އާއްމުންގެ ތެރޭގައި ރޯދަ ވީއްލުމުގައި ބައިވެރިވާ މަންޒަރަކީ އުފާވެރި މަންޒަރެކެވެ.
8. އިލަން މަސްކް
މުއްލޫރުގެ ކުރެހުމުގައި ޓްވިޓާގެ ވެރިޔާ އިލަން މަސްކް ފެނިގެންދަނީ ވަރަށް ވެސް ތަފާތުކޮށް ދުބާއީގެ އެންމެ ބޮޑު އެއް އީދު ކަމަށްވާ އެކްސްޕޯ ސިޓީގައި ބައިވެރި ވަނިކޮށެވެ.
9. ޑޮނަލްޑް ޓްރަމްޕް
މުސްލިމުންނާ މެދު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުނު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުންގެ ކަމެއްގައި ޝާމިލްވާ މަންޒަރަކީ މި ކުރެހުމުން ނޫން ގޮތަކަށް ފެނުން ނާދިރު މަންޒަރެކެވެ.
އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރާފައިވާ މިންވަރުން މިފަދަ މަންޒަރުތައް ހިތަށް ސިފަ ކުރުމަކީ މިހާރު އަހަރުމެންނަށް މާ އުނދަގޫ ކަމެއް ނޫނެވެ.