މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މި އިންތިހާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ އެ ދާއިރާގެ ކޮނޑި ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒަށް މަރުހަބާ ދަންނަވާފަ އެވެ. ގުރައިދޫ ދާއިރާގެ ކޮނޑި ޝާޒް ކާމިޔާބު ކުރެއްވީ 120 ވޯޓުގެ ތަފާތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމަށް ލިބުނީ 1226 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ލިބުނީ 1346 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބުނީ 122 ވޯޓެވެ.