ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ދަޅަކް"ގެ ދެ ވަނަ ބައެއް އުފައްދާ ވާހަކަ އެފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ދޮގުކޮށްފި އެވެ.

ކަރަން މިވާހަކަތައް ދޮގުކޮށްފައިވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މީގެ ފަސް އަހަރު ކުރިން ގެނެސްދިން ފިލްމު "ދަޅަކް" ގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާ އެކީ ހަދަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

ކަރަންގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ "ދަޅަކް 2" މަސައްކަތް ނުކުރާ ކަމަށެވެ.

ކަރަން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

މިދިޔަ ހޯމަ ދުވަހު މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ދަޅަކް 2" ހެދުމަށް ނިންމާފައިވަނީ ތަފާތު ކާސްޓަކާ އެކު އެވެ. އެގޮތުން އެފިލްމުގެ ލީޑަށް ނަގާފައި ވަނީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ޓްރިޕްތީ ދިމްރީ އެވެ. ސިދާންތަކީ މިދިޔަ އަހަރު ދަރުމާ އިން ގެނެސްދިން ދީޕިކާ ޕަދްކޯންގެ ފިލްމު "ގެހަރާއިޔާ" ގެ އެއް ބަތަލެވެ.

ކަރަން އާއި ޓްރިޕްތީ އަދި ސިދާންތު

"ދަޅަކް 2" ގެ ބަތަލާއަކަށް ޓްރިޕްތީ ހަމަޖެއްސި އިރު، ދަރުމާ އިން މި އަހަރުގައި ޖުލައިފައި ވިކީ ކޯޝަލާ އެކީ ގެނެސްދޭން ހަމަޖެހިފައިވާ ލޯބީގެ ފިލްމެއްގެ ބަތަލާ އަކީ ވެސް "ބުލްބުލް" އާއި "ގަލާ" ފަދަ ފިލްމުތައް ކުޅުނު ޓްރިޕްތީ އެވެ.

މި އަހަރުގެ އޮގަސްޓް 11 ގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ކާސްޓްގައި ވެސް ޓްރިޕްތީ ހިމެނެ އެވެ.

"ދަޅަކް 2" ހަދާނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝާޒިއާ އިގްބާލް ކިޔާ މީހެއް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށް ބުންޏެވެ.

ޖާންވީ އާއި އިޝާން

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ލީޑް ރޯލް ކުޅުނު "ދަޅަކް" އަކީ ޝަޝަންކް ޑައިރެކްޓްކޮށް، 2016ގައި ރިލީޒްކުރި ފިލްމެކެވެ.

މަރާޓީ ފިލްމް "ސައިރާތު" އަށް ބިނާކޮށް އުފެއްދި "ދަޅަކް" އަށް ޝަޝަންކް ގެނެސްފައިވާ ގިނަ ބަދަލުތަކަށް ވަރަށް ގިނަ ކްރިޓިކުން ވެސް ތައުރީފުކޮށްފަ އެވެ.