ފެނަކަ ކޯޕަރޭޝަން އާއިލީ 8 ވަނަ ގުރުއާން މުބާރާތް ނިންމާލައިފި އެވެ.
އެ ކުންފުނިން ބުނީ މި މުބާރާތަކީ 2019 ވަނަ އަހަރު އެމްޑީ ސައީދު ކުންފުންޏާ ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީގެ އެދުމަކަށް އެމްޑީގެ އިސްނެންގުވުމާއެކު ކޮންމެ ރަމަޟާން މަހެއްގައި ކުންފުނީގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެއް، މި ގޮތުން 2019 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މުބާރާތް ބޭއްވިގެން ދިޔަ، ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ދެ އަހަރުގެ މެދު ކެޑުމަކަށްފަހު އަލުން މި މުބާރާތް މިދިޔަ އަހަރު ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ބާއްވާފައިވާ ކަމަށް ވެސް ފެނަކަ ކުންފުނިން ބުންޏެވެ.
މި ގޮތުން މި އަހަރު މި ބޭއްވުނު މުބާރާތަކީ 8 ވަނަ ގުރުއާން މުބާރާތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގަ އެވެ.
މި މުބާރާތަކީ ފެނަކައިގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި އަހަރުގެ މުބާރާތް ފަށާފައި ވަނީ މިމަހު 17 ގަ އެވެ. މި މުބާރާތުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާއަށް ނިސްބަތްވާ 78 ދަރިވަރުން ކިޔަވައިފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
މި މުބާރާތުގައި އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ވަނީ ދީފަ އެވެ. އަދި މުޅި މުބާރާތުން 1 ވަނަ އަށް ހޮވުނު ފަރާތަކަށް 15،000ރ. ދީފައިވެ އެވެ. އަދި މުޅި މުބާރާތުން ދެވަނަ އަށް ހޮވުނު ފަރާތަށް 10،000ރ. ދީފައިވެ އެވެ. މުޅި މުބާރާތުން ތިންވަނައަށް ހޮވުނު ފަރާތަށް 5،000ރ. ދީފައިވެ އެވެ.
މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ހާސިލްކޮށްފައި ވަނީ އިލްޔާސައު މުހައްމަދު ޝަހީމް، ސައީދު މަންޒިލް، ގއ. މާމެންދޫ އެވެ. އަދި މުޅި މުބާރާތުން ދެވަނަ ހާސިލްކޮށްފައި ވަނީ އަމީން ފަޒީލް، ރިވަރެސް، ހދ. މަކުނުދޫ އެވެ. ތިންވަނަ ހާސިލްކުރީ އާމިނަތު އީޝަލް ބިންތު އުޝާން، މއ. ރިހިރާޅު އެވެ.