މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީނުލް އިސްލާމް، 29، އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަމީނުލް މަރުވިކަން ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު މެންދުރު ފަހު 2:10 ގަ އެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އަމީނުލް އިސްލާމަކީ ބަދުއަހްލާޤީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.