މި މަހު 14 ވަނަ ދުވަހު، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުން ސަނާއަށް ރެޑްކްރޮސްގެ ބެލުމުގެ ދަށުން ހަނގުރާމައިގެ ކުށްވެރިންނާއެކު މަތިންދާ ބޯޓެއް ނައްޓާލިއިރު ޔަމަންގެ ސަނާއިން ރިޔާޒަށް ވެސް އެފަދަ ބޯޓެއް ދިޔައީ ދަތުރު ކުރަމުންނެވެ. ހަނގުރާމައިގައި ސައޫދީ އަރަބިޔާ އާއި ޔަމަނުގައި ހިފަހައްޓާފައިތިބި ކުށްވެރިން ބަދަލުކޮށް އެއްބަޔަކު އަނެއް ބަޔަކާ ވާހަކަދައްކާ އެއް މޭޒެއް ދޮށުގައި އިށީނީ ހަމަ ކުއްލިއަކަށެވެ.
މީގެ ހަފުތާތަކެއްގެ ފަހަތަށް ޖެހި ބަލާލާއިރު މިއިން ކަމަކީ އެއްގޮތަކަށް ވެސް ވެދާނެ ކަމަށް ބަޔަކަށް ހީވެސް ނުކުރެވޭ ފަދަ ބޮޑު ކަންކަމެވެ. އެހެން ނަމަވެސް ޗައިނާގެ ލީޑަރު ޝީ ޖިންޕިންގެ ލީޑާޝިޕްގެ ދަށުން އީރާނާ ސައޫދީ އެއްގަލަކަށް އަރާނެ މަގުފަހިކޮށް ޗައިނާގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މެދުއިރުމަތީގެ މަސްރަހު މުޅިން ބަދަލު ކޮށްލައިފި އެވެ.
މާޗް ދިހަ ވަނަ ދުވަހު އިރާނާއި ސައޫދީ ސަރުކާރުގެ އިސް އޮފިޝަލުން ޗައިނާގައި ސޮއިކުރި އެއްބަސްވުމަކީ ޗައިނާ އިސްވެ، އެތައް ދުވަހެއް ވަންދެން ކުރަމުން ގެންދިޔަ މަސައްކަތެއްގެ ނަތީޖާ އެވެ. ސައޫދީ އާއި އީރާނުގެ އިސް އޮފިޝަލުންނާއެކު ޗައިނާއިން ކުރަމުން ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޒަމާންތަކެއް ވަންދެން އީރާނާއި ސައޫދީގެ ދެމެދުގައި އޮތް ދެކޮޅުވެރިކަން ނައްތާލައި ސުލްހައިގެ މަގު ޚިޔާރުކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
ސުންނީންގެ މެޖޯރިޓީ އޮންނަ ސައޫދީ އާއި ޝިޔައީ މެޖޯރިޓީ އޮންނަ އީރާނަކީ ފަހަކަށް އައިސް ގިނަ ކަންކަމުގައި ދެކޮޅުވެރިކަން ބޮޑު ޚިޔާލު ތަފާތުވުންތައް ގިނަ ދެ ގައުމެވެ. 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބަށް ފަހު އެމެރިކާ އާއި އީރާނުގެ ގުޅުން ކެނޑުނު ހިސާބުން ފެށިގެން އެ ގައުމާއި ސައޫދީއާ އޮންނަ ގުޅުން އައީ ހީނަރުވަމުންނެވެ. ސައޫދީއަކީ ސަލާމަތީ އެއްބަސްވުމެއްގެ ދަށުން އެމެރިކާއާއެކު ވަރަށް ޚާއްސަ ގުޅުމެއް ބާއްވަމުން އައި ގައުމެކެވެ.
ނަތީޖާއެއްގެ ގޮތުން މެދުއިރުމަތީގައި އެމެރިކާގެ ހަންފެތުރުމަށް ސައުދީގެ ބޭނުން އައީ ހިފަމުންނެވެ. އެމެރިކާ އީރާނާ މެދު ގެންގުޅޭ ސިޔާސަތުގެ އަސަރު ސައޫދީ- އީރާންގެ ގުޅުމަށް ކުރަމުން އައިސް އެންމެ ފަހުން ދެ ގައުމުގެ ގުޅުން އެއްކޮށް ކެނޑިގެން ދިޔައީ ސައޫދީގެ ޝީއީ އިމާމެއް ކަމަށްވާ ޝޭޚު ނިމްރާ އަލް ނިމަރު 2016 ވަނަ އަހަރު ދަންޖައްސައި ސައޫދީ ސަރުކާރުން މަރާލުމާ ގުޅިގެންނެވެ.
އީރާނުގައި ކުރި މުޒާހަރާތަކަކަށް ފަހު ދެ ގައުމުން ސިޔާސީ ގުޅުން ކަނޑާލިއިރު ވެސް ސައޫދީ އާއި އީރާން އޮތީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން ކުރިޔަށް ދެވޭ ވަރަށް ވުރެ ބޮޑު މައްސަލަތަކެއްގެ ތެރޭގަ އެވެ.
ޝޭޚް ނިމަރުގެ މަރުގެ އިތުރުން އިރާގާއި ސީރިޔާގައި ހިނގަމުންދިޔަ ހަނގުރާމާގައި ދެފަރާތުން ކުޅުނު ރޯލާއި ޔަމަނުގެ ދާޚިލީ ހަނގުރާމަ ވެސް ސައޫދީ އީރާނުގެ ގުޅުން ގޯސްކުރުމަށް ސަބަބަކަށްވި އެވެ. ޔަމަނުގައި ކުރަމުންދާ ހަނގުރާމައަކީ ނުސީދާކޮށް އީރާނާއި ސައޫދީގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ ގޮތުގައި ބެލެވެ އެވެ.
ހަނގުރާމައެއްގެ ހާލަތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާފައި އޮތް ސައޫދީ އާއި އީރާން އެއްމޭޒެއްގެ ދޮށަށް އައިސް ސުލަހައިގެ މަގެއް ޚިޔާރުކުރުން ވެގެން ދިޔައީ ދުނިޔޭގެ ސިޔާސީ މަސްރަހަށް ގެނުވި ބޮޑު ބަދަލަކަށެވެ. މެދުއިރު މަތީގައި ޗައިނާގެ މުހިންމުކަން ބޮޑުވެ، އެމެރިކާގެ ނުފޫޒު ކެނޑިގެންދިޔަކަމުގެ ނިޝާނެއް ކަމަށް މިކަންކަން ވި އެވެ. ޚާއްސަކޮށް ދުނިޔޭގެ ޑިޕްލޮމަސީގައި ޗައިނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފުވެރި މަގާމެއްގެ ގޮތުގައި ވެސް މިގުޅުން ވަނީ ފާހަގަކުރެވިފަ އެވެ.
ސައޫދީ އީރާނުގެ ގުޅުން ބަދަހިކުރަން ނިންމި ސަބަބުތަކަށް ބަލާއިރު އެންމެ މުހިންމު ސަބަބެއްގެ ގޮތުގައި ފެންނަން އޮތީ ސައުދީގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 އެވެ. މުހައްމަދުގެ ބެލުމުގެ ދަށުން ސައޫދީން ގެންދަނީ އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށްގެން، އެ ގައުމުގެ އިގުތިސާދު ބަދަލުކޮށްލުމަށްޓަކައި އިންވެސްޓްކުރަމުންނެވެ. ވިޔަފާރީގެ ގޮތުން ބައިނަލް އަގުވާމީ ފެންވަރުގަ އާއި ރީޖަނަލް ފެންވަރުގައި ނުފޫޒުގަދަ ގައުމަކަށް ހެދުމަށްޓަކައި އެކަމަށް އޮތޮ ހުރިހާ ހުރަހެއް ނައްތާލުމަކީ ސައޫދީގެ ބޭނުމެކެވެ. އީރާނާއެކު އޮންނަ ގުޅުން ރަނގަޅުވެ، ސަރަހައްދީ ހަމަޖެހުމެއް އައުމަކީ ޕްރިންސް މުހައްމަދުގެ ވިޝަން 2030 ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް ފެނެ އެވެ.
ސައޫދީއެކޭ އެއްފަދައިން އީރާން ވެސް ސަރަހައްދީ ހަމަޖެހުން ބޭނުންވެ އެވެ. ޚާއްސަކޮށް އެގައުމާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އަޅާފައިވާ ދަތިކުރުމުގެ ސަބަބުން ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ވެސް ސައޫދީ އާއި ޗައިނާގެ އެއްބާރުލުން ވެގެންދާނީ އީރާނަށް މިވަގުތު ހިންދެމިލަން އޮތް ފަހި ފުރުސަތަކަށެވެ.
މެދު އިރުމަތީގައި އެމެރިކާ ބާކީކޮށް، ޗައިނާގެ ލީޑަޝިޕާއެކު ބިނާވެގެންދާ ސުލްހައިގެ ގުޅުންތަކާއެކު ސަރަހައްދީ ގުޅުންތަކާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވުނު ކަމަށް ވިޔަސް މި ގުޅުމުގެ ސަބަބުން ހިތް ނުތަނަވަސް ވާނެ ގައުމުތައް ވެސް އެބަހުއްޓެވެ.
އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ގައުމަކީ އިޒްރޭލެވެ. މެދު އިރުމަތީގައި އިޒްރޭލާ ދެކޮޅަށް ބަސްބުނާ ގައުމުތައް ބާކީކޮށް އަރަބި ވަކިވަކި ގައުމުތަކާއެކު ގުޅުން ބާއްވަން އިޒްރޭލުން ކުރަމުން އައި މަސައްކަތް މިހާ ހިސާބުން ނިމޭނެ އެވެ. ޚާއްސަކޮށް އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލަދިނުމަށް އިޒުރޭލުން ދެމުންގެންދާ އިންޒާރުތަކަށް އަމަލީ ސިފަ ގެނައުމަކީ މިހާރުގެ ހާލަތަށް ބަލާއިރުވުން ވަރަށް ދުރު ކަމަކަށް ވާނެ އެވެ. އެފަދަ ހަމަލާއެއް ދިނުމަށް އިޒުރޭލަށް ސައޫދީގެ އެއްބާރުލުން ބޭނުންވާނެ އެވެ. ޚާއްސަކޮށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ މިހާރަކު ނުލިބޭނެ އެވެ.
އިޒުރޭލުގެ އިތުރުން އެމެރިކާ ވެސް ސައޫދީ އީރާނުގެ ގުޅުމަށް މާހިތްހަމަޖެހޭނެ ކަމަކަށް ނުބެލެވެ އެވެ. ޒަމާނުއްސުރެ އެމެރިކާއިން މެދު އިރުމަތީގައި ކުޅެމުން ގެންދިޔަ ރޯލު ޗައިނާގެ މައްޗަށް ބަދަލުވެގެންދިޔަ ކަމަށް އިހުސާސް އެމެރިކާގެ ވެރިންނަށް ކުރެވޭނެ އެވެ. ބާކީވި ބަޔަކު ބާކީވި ކަމަށް ވިޔަސް ޗައިނާއިން މިވަނީ އެތައް ޒަމާނެއް ވަންދެން ދުނިޔެއަށް ހައްލުނުވެ އޮތް މައްސަލައެއް ހައްލުކޮށް ދުނިޔޭގެ ޑިޕްލޮމަސީ ލީޑްކުރުމުގެ ކުޅަދާނަކަން ހުރިކަން ދައްކައި ދީފަ އެވެ.
އީރާނާ ސައޫދީގެ ގުޅުމާއެކު މެދުއިރުމަތީގެ ސުލަހައާއި ތަރައްގީއަށް ކުރިއެރުން ލިބޭނެ އެވެ. އެ ކުރިއެރުމުގެ ހެޔޮ އަސަރު ދުނިޔެއަށް ކުރާނެ އެވެ.