މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ތާރު އަޅައިގެން ހެދި މާލޭގެ އެންމެ ބޮޑު މަގު، ބޮޑުތަކުރުފާނު މަގު އަލުން މަރާމާތުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ވަޅުގަނޑު ހެދި، އަޑިގުޑަންތައް ހެދިފައިވުމުން ވެހިކަލްތައް ދުއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެމަގު މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ސިޓީ ކައުންސިލުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނު މަގުގައި ހުރި މިފަދަ އަޑިގުޑަންތަކާއި ވަޅުގަނޑުތައް ރަނގަޅުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން އެމަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ސަރުކާރުގެ ވެރިކަމުގަ އެވެ.

ނަމަވެސް، އެ މަގު އާންމުންނަށް ހުޅުވާލި ފަހުން އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެ އެވެ. އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެގެން ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުއްޓެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.