ލިބިފައިވާ މުދަލުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރާނީ ކިހާ މިންވަަރެއް ހެއްޔެވެ؟ ބޭނުން ޖެހިފައިވާ ފަރާތްތަކަށްޓަކައި ތިބާގެ މާއްދީ މުދަލުން ސަދަގާތްކޮށް ލިބިފައިވާ ލަގަބެއް ގެއްލުވާލާނަން ހެއްޔެވެ؟

ސައޫދީ އަރަބިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މި މީހާ މިވަނީ އޭނާގެ އަމިއްލަ މުދަލުން ސަދަގާތްކޮށް ލިބިފައިވާ ލަގަބެއް ދޫކޮށްލާފަ އެވެ.

ސަލްމާން ރަހްޖީގެ އާއިލާއަކީ ސައޫދީގެ ބިލިއަނަރުންގެ ތެރޭގައި ހިމެނޭ އެއް އާއިލާ އެވެ. އުމުރުން އެންމެ ނުވަ އަހަރުގައި އެއްބަނޑު އެއްބަފާ ދެބެއިންނާއެކު ފެށި މަސައްކަތް ފުޅާވެ މިއަދު ވަނީ ބިލިއަނެއްގެ އަގަށް އަރާފަ އެވެ.

އެހެން ނަމަވެސް އެ މުދަލުން ނިކަމެތިންނާއި ފަގީރުންނަށް 16 ބިލިއަން ޑޮލަރު ހަދިޔާ ކުރުމަށްފަހު ސަލްމާނަށް ވަނީ ބިލިއަނަރެއްގެ ލަގަބު ގެއްލިފަ އެވެ.

ސަލްމާން ބުނީ އެންމެ ކުޑައިރުއްސުރެ ވެސް ފައިސާގެ އަގު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާގެ ދަރިންނަށް ވެސް ތަރުބިއްޔަތު ދީފައިވާނީ އެ އުސޫލުގެ މަތިން ކަމަށެވެ.

އެއާއެކު އޭނާގެ މުދަލުގައި ނިކަމެތިންނާއި ފަގީރުންނަށް ހައްގެއްވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމުގައި ބިލިއަނަރެއްގެ ލަގަބު ގެއްލުނަސް ފަރުވާލެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

މާތް ﷲ ސަލްމާންއާއި އާއިލާގެ މުދަލުގައި ބަރަކާތް ލައްވައި ރިޒުގު ދަމަހައްޓަވާށި އެވެ. އެހެނީ އެންމެ ހެޔޮ މީހަކީ އަމިއްލަ އެދުމެއް ނެތި އޭނާގެ މުދަލުން ނިކަމެތި އަޚުންނަށް ސަަދަގާތްކުރާ މީހާ އެވެ.