ލިބިފައިވާ ކުރު އިސްކޮޅާމެދު ކަންބޮޑުވެ ހިތާމަކުރާ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. އޭގެ ތެރެއިން ގިނައީ އެއީ އެމީހެއްގެ ނަސީބު ކަމަށް ބަލައި އެކަން ބަލައިގަނެފައިވާ މީހުންނެވެ.

އެހެން ނަމަވެސް އެމެރިކާގެ މިނެސްޓޯއަށް ނިސްބަތްވ މި މީހާ ހުރީ އޭނާގެ ނަސީބަށް ދޫ ދޭ ގޮތަކަށް ނޫނެވެ. އޭނާ ވަނީ އޭނާގެ އިސްކޮޅު ދިގު ކުރުމަށްޓަކައި ޖާނާއި މާލުނު ގުރުބާން ވެފަ އެވެ.

މެދު އުމުރުގެ މޮސަސް ގިބްސަން ބުނި ގޮތުގައި އޭނާއަށް ލިބިފައިވާ 5 ފޫޓު 5 އިންޗީގެ އިސްކޮޅާ މެދު އޭނާ އަބަދުވެސް ކަންބޮޑުވާ ކަމަށެވެ. އެމެރިކާގެ އެވްރެޖް ފިރިހެނެއްގެ އިސްކޮޅުގައި މަދުވެގެން 5 ފޫޓު 8 އިންޗި ހުންނައިރު އޭނާއަށް ލިބިފައިވީ އެވްރެޖް އަންހެނެއްގެ އިސްކޮޅު ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

އިސްކޮޅު ދިގު ކުރަން ނުކުރާކަށް ކަމެއް ނެތެވެ. ޑޮކްޓަރީ ބޭހުގެ އިތުރުން ރޫހާނީ ފަރުވާ ވެސް އޭނާ އެކަމަށް ހޯދާފައިވެ އެވެ. އެންމެ ފަހުން އޭނާ ވަނީ މިކަމަށް ސާޖަރީ ވެސް ކޮށްފަ އެވެ.

2016 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ދެފައި ދިގު ކުރަން ކޮށްފައިވާ ދެ އޮޕަރޭޝަނަށް 75000 އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށް ޖިބްސަން ބުނެ އެވެ.

ޖިބްސަން އިތުރަށް ބުނީ އޮޕަރޭޝަނަށްފަހު އޭނާއަށް ހިތްހަމަ ޖެހުމުގެ އިހުސާސެއް ކުރެވޭ ކަމަށާއި މުޖުތަމައުގެ މެދުގައި ބަލައިގަންނާނެ ކަމުގެ ޔަގީންކަން މިހާރު އޮންނަ ކަމަށެވެ.