"ހަސަން ކުރުސީ" ގެ ނަމުގައި ފޭބް ޓްވިޓާ އެކައުންޓެއް ހިންގަނީ ކާކުކަން ދެނެގަތުމަށްޓަކައި ތަހުގީގު ފަށައިފި އެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހިންގަނީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ ގާތް ބޭފުޅެކެވެ. އެފަދައިން ތުހުމަތު ކުރަނީ އެ އެކައުންޓުން ޓުވީޓް ކުރަނީ ރައީސް ނަޝީދަށް ތާއީދުކޮށް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ކަމުގައިވާތީ އެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުން އަންނަ ޓުވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި އެ އެކައުންޓުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ސިޓީގައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ، ޚިޔާލީ ޝަހުސިއްޔަތެކެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.