މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ ބޮޑު ބައެއް ހަމައެކަނި ދުވަހުން ދުވަހަށް ހިނގާ ރިކަރަންޓް ހަރަދުތަކަށް ހޭދަކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ޖުމްލަ ހަރަދުގެ 87 އިންސައްތަ ރިކަރަންޓް ހަރަދަށް ހޭދަކޮށްފައިވާއިރު، އުމްރާނީ ތަރައްގީއާއި ކެޕިޓަލް މަޝްރޫއުތަކަށް ހޭދަކުރެވިފައިވަނީ އެންމެ 13 އިންސައްތަ އެވެ.
ފިނޭންސް މިނިސްޓްރީގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 23,380.0 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 22,404.1 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު އަދަދެކެވެ. މީގެ ތެރެއިން 20,333.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދަށެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހަރަދަށް ހޭދަކުރި 16,890.0 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ރިކަރަންޓް ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. އެގޮތުން އޮފީސްތައް ހިންގުމަށާއި، ސަބްސިޑީ އަދި ވެލްފެއާ ހިދުމަތްތަކަށް 12,275.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 7,987.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވުމާއި ގާބިލް ނޫން ފަރާތްތައް މަގާމުތަކުގައި ތިބުމުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. މީގެ އިތުރުން ގެއްލުމާއި 'ރައިޓް-އޮފް'ގެ ގޮތުގައި 70.5 މިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައ ެވެ.
ކެޕިޓަލް ހަރަދު ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް މިއަހަރު ހޭދަކޮށްފައިވަނީ އެންމެ 3,046.8 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް ފާސްކުރި 9,284.4 މިލިއަން ރުފިޔާގެ ކެޕިޓަލް ބަޖެޓުގެ ވަރަށް ކުޑަ މިންވަރެކެވެ. މީގެ ތެރޭގައި ހިމެނެނީ:
- އުމްރާނީ ތަރައްގީ (މަގު، ބަނދަރު، ބްރިޖް): 1,740.1 މިލިއަން ރުފިޔާ.
- ބިމާއި އިމާރާތް ކުރުން: 965.3 މިލިއަން ރުފިޔާ.
- ކެޕިޓަލް އިކުއިޕްމަންޓް: 324.7 މިލިއަން ރުފިޔާ.
- ވަކި ހާއްސަ ތަރައްގީގެ ޕްރޮގްރާމްތައް: 16.7 މިލިއަން ރުފިޔާ.
އިގްތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ ބޮޑުބައެއް ހަމައެކަނި ދުވަހުން ދުވަހުގެ ހަރަދުތަކަށް ހުސްވުމަކީ މެކްރޯއިކޮނޮމިކް ގޮތުން ބޮޑު ނުރައްކަލެކެވެ. މީގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ދަރަންޏަށް ބަރޯސާވާން ޖެހި، ރާއްޖެ ދަރަނީގެ މަޅިއެއްގައި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ކެންސަރު ތަހަންމަލް ކުރަމުންދިޔަ ދިވެހި ޑޮކްޓަރަކު ނިޔާވެއްޖެ
ބްރެޑްއާއި އިނެސްގެ ގުޅުން ރަސްމީކޮށް އިއުލާން ކޮށްފި
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ