މަޝްހޫރު އެމެރިކަން މޮޑެލް، ހެއިލީ ބީބާ އެންމެ ބިރުގަތް ދުވަހަކީ އޭނާ ހިތުގެ ސާޖަރީ ކުރި ދުވަސް ކަމަށް އޭނާ ބުނެފި އެވެ.

ހެއިލީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެވާހަކަ ހިއްސާކުރަމުން ބުނީ އޭނާގެ ހިތުގެ އޮޕަރޭޝަން ކުރީ މިދިޔަ އަހަރުގައި އޭޕްރިލް މަހުގައި ކަމަށެވެ. އެ ސާޖަރީ ހެދީ އޭނާގެ ހިތުގައި އުފެދިފައި އިން ކުޑަ ލޯވަޅެއް ބެއްދުމަށްޓަކައި ކަމަށް އޭނާ ހާމަކުރި އެވެ.

ހެއިލީ އިތުރަށް ހާމަކުރި ގޮތުގައި އޭނާ ތަަހައްމަލް ކުރަމުން ދިޔައީ "ޕީއެފްއޯ" ނުވަތަ 'ޕޭޓެންޓް ފޯރަމެން އޯވޭލް" އެވެ. އޭނާ ހޮސްޕިޓަލައިޒް ކުރެވުނީ ސްޓްރޯކެއް ޖެހުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ހެއިލީ އިތުރަށް ބުނިގޮތުގައި މިކަމަށް އަވަސް ފަރުވާއެއް ލިބި، ހިތުގައި އުފެދުނު ލޯވަޅު ބެއްދުމުން އެކަމާ އޭނާ އުފާކޮށް، ޝުކުރުވެރިވެ އެވެ. އަދި މިކަމަށް އެހީތެރިވެދިން ޑޮކްޓަރުންނަށް ވެސް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ.

ސާޖަރީއަށް އެއް އަހަރުވެފައިވާއިރު، އޭނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރިކަން ހެއިލީ ފާހަގަކުރި އެވެ.

އެ އަހަރުގެ ޖޫން މަހު ހެއިލީގެ ފިރިމީހާ މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ ވެސް ވަނީ ސިއްހީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާފަ އެވެ. އެގޮތުން "ރޭމްސީ ހަންޓް ސިންޑްރަމް"ގެ ޝިކާރަައަށް ވުމުގެ ސަބަބުން ޖަސްޓިންގެ މޫނުގެ ބައެއް ޕެރެލައިޒްވި އެވެ. އަދި އޭގެ ސަބަބުން އޭނާގެ ގިނަ ޝޯތައް ކެންސަލްކުރި އެވެ.