އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ވަރަށް ރީތިކޮށް، ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު އިސްލާމީ ރަމްޒީ ބިނާއެއް ކަމަށާއި މިހާރު އެތަން ވީރާނާ ވަމުންދާ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)ގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަނާ ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ. އެ ގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު މިސްކިތުގެ ގުއްބާއި، މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ތައްޔާރުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު 142-B1/CIR/2019/8 ނަންބަރު ސާކިއުލާއިން ބަޖެޓާއެކު ކައުންސިލްތަކާ ވަނީ ހަވާލު ކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާއިރު، މިމަސައްކަތް އެކަށީގެންވާ ގޮތަށް ނުކުރެވޭ ކަމަށް ބުނެ މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ބައެއް މިސްކިތްތައް ސާފުނުކުރުމާއި، ވުޟޫކުރާ އިސްކުރުތައް ހަލާކުވެ ބަދަލުނުކޮށް އެތައް ދުވަހެއްވުމާއި ފަންކާތައް ހަލާކުވުމާއި އަދި ސާފުތާހިރުކަން ކުޑަކަން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޮޓޯތަކާއެކު އާއްމު ކޮށްފައިވެ އެވެ.
އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ހުރި އިސްލާމީ އެންމެ ބޮޑު ބިނާ އެވެ. 1984ވަނަ އަހަރު ހުޅުވުނު މިބިނާ އަކީ މިހާތަނާ ޖެހެންދެން ވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ބިނާއެކެވެ.