ތެހެރާން (4 ޖެނުއަރީ ) - ސައުތު ކޮރެއާގެ ދިދަ ޖެހި ތެޔޮ ޓޭންކަރެއް ހޮމޫޒު ކަނޑުއޮޅިން އިރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ސިފައިން ހިފަހައްޓައިފި އެވެ.

އިރާންގެ ފާސް ނިއުސް އެޖެންސީއިން ބުނީ ކޮރެއާގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ ތިމާވެއްޓަށް ގެއްލުންދިނުމާއި، ކަނޑަށް ތެޔޮއެޅުމުން ކަމަށެވެ. އަދި މިހާރު މި ޓޭންކަރު އިރާންގެ ކަނޑުގެ ސަރަހައްދަށް ގެންގޮސް އިރާންގެ ޕޯޓެއްގައި ބަނދަރުކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޓީ ހެންކުކް ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރީ ސައުދީއަރަބިޔާއިން އެކުވެރި އަރަބި އިމާރާތަށެވެ.

ސެޓަލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު މި ޓޭންކަރު އޮތީ ބަނދަރު އައްބާސް ކިޔާ އިރާންގެ ދެކުނުން އޮންނަ ޕޯޓް ސިޓީއެއްގަ އެވެ. މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ސައުތު ކޮރެއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، މިއަންމާގެ ރައްޔަތުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިރާނުން ސައުތު ކޮރެއާގެ ޓޭންކަރެއް ހިފަހައްޓާފައި މިވަނީ ސައުތުކޮރެއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އިރާނަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

އިރާންގެ ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ސައުތު ކޮރެއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އިރާނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދަތުރުގައި ސައުތު ކޮރެއާގެ ބޭންކްތަކުގައި ހިފަހައްޓާފައިހުރި އިރާންގެ ހަތް ބިލިއަން ޑޮލަރުގެ ފަންޑް ދޫކުރުމާ ގުޅޭ ގޮތުން އިރާނުން މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވެފައިވެ އެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ދުނިޔޭގެ އެކި ބޭންކްތަކުގައި ހިފަހައްޓާފައި ހުރި އިރާންގެ ފަންޑުތަކުގެ އަދަދު 100 އާއި 120 ބިލިއަން ޑޮލަރަށް އަރަ އެވެ. – ޓީއާރްޓީ ވޯލްޑް