ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފުގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދު ހައިކޯޓަށް މިކަމާގުޅިގެން ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބަށް ހަތަރު މަހަށްވީ އިރު ވެސް ހައި ކޯޓުގައި އަދިވެސް ތާވަލް ނުކުރާ ކަމަށެވެ. އަދި އެބޭފުޅުންނަށް މިއަދުވެސް ހައިކޯޓުގެ ރަޖިސްޓްރާ އާއި ބައްދަލުކުރެވޭގޮތް ނުވި ކަމަށެވެ.
"ދަށު ކޯޓްގައި އޮތް މައްސަލަ އެބަދޭ ފަތުއަޑު ކިޔާފައި ކުރިއަށް. ހައި ކޯޓް މިއީ އިސްތިއުނާފްގެ މަރުހަލާ. އިސްތިއުނާފްގެ މަރުހަލާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެންމެ ބާރަށް ކުރިއަށް ދާން ޖެހޭނީ. އެއީތާ އެންމެ މުހިންމު އެއްޗަކަށް ވާން ޖެހޭނީ. އެހެންވީ އެކަން ކީއްވެގެންތޯ ލަސްވަނީ، ކީއްވެގެންތޯ ތާވަލުނުކޮށް މިއޮތީ. އެކަން އޮޅުފިލުވަން އަޅުގަނޑުމެން މި އައީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް ކޯލިޝަންގެ ކަންބޮޑުވުމަކީ ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައިވާއިރު ވެސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލުނުކޮށް އޮތުމެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށްވީތީ އެމަނިކުފާނުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަންޖެހޭނެ އެެވެ. އެމައްސަލަ ކުރިއަަށް ނުދަނީ ސަރުކާރުގެ ނުފޫޒާ ހެދި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.
އެކަމަކު ޔާމީންގެ ވަކީލުން މީގެ ކުރިން ވަނީ އިސްތިއުނާފް މަރުހަލާއިން މާޗް މަހު ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދީފަ އެވެ.
މައްސަލައިގެ ޝަރީއަތް ފަށަން އަދި ތާވަލް ނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުން މިހާރު ވަނީ އެމައްސަލަ ބައްލަވާނެ ބެންޗް ކަނޑައަޅުއްވާފަ އެވެ.