ނަށަން ބިރު ގަންނަ ކަމަށާއި އެހެން ނަމަވެސް އާ ނެށުންތައް ދަސްކުރަން ބޭނުންވާ ކަމަށް 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ބަތަލާ ސޮނާލީ ބެންޑްރޭ ބުނެފި އެވެ.

މިހާރު ސޮނީ ޓީވީން ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" ސީޒަން 3 ގައި ޖަޖެއްގެ ގޮތުގައި ސޮނާލީ އަންނަނީ ބައިވެރިވަމުންނެވެ.

މި މުބާރާތުގެ ބައިވެރިންގެ ފަރާތުން ފެނިގެންދާ މޮޅު ނެށުތައް ފެނި ސޮނާލީ ވަނީ އެ ބައިވެރިންނަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

"ހަމް ސާތު ސާތު ހޭ" އާއި "ސަރްފަރޯޝް" އަދި "ދިލްޖަލޭ" ފަދަ ފިލްމްތައް ކުޅެފައިވާ ސޮނާލީ ބުނި ގޮތުގައި އޭނާ އަކީ އަބަދުވެސް ނެށުންތައް ދަސްކުރަން ބޭނުންވާ މީހެއް ކަމަށާއި އެހެން ނަމަވެސް ނަށަށް ބިރު ގަންނަ ކަމަށެވެ.

ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް، މި ފަހުން އޭނާ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފަ އެވެ.

ފިލްމް "އާގް" އިން 1994 ގައި ބޮލީވުޑަށް ނުކުތް ސޮނާލީ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ބަތަލާ އެކެވެ.

"އިންޑިއާސް ބެސްޓް ޑާންސާ 3" ގެ ޖަޖުންގެ ގޮތުގައި ސޮނާލީގެ އިތުރުން ދެން ތިބީ މީގެ ފުރަތަމަ ދެ ސީޒަންގައި ވެސް ފަނޑިޔާރުކަން ކުރި މީހުންނެވެ. އެއީ ޓެރެންސް ލުވިސް އާއި ކޮރެއޯގްރާފަރު ގީތާ ކަޕޫރް އެވެ.

ސޮނީ ޓީވީން ގެނެސްދޭ މި ޝޯއަކީ އެތައް ބަޔަކު ބަލާ މަޝްހޫރު ޝޯއަކަށްވާ އިރު ދިވެހިންގެ ތެރޭގައި ވެސް މިއީ ބޮޑު ސަމާލު ކަމެއް ލިބިފައިވާ ޝޯއެކެވެ.