މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ މަޖިލިސް މިއަހަރަށް ރަސްމީކޮށް ހުޅުވާ ދުވަސްގެ ގޮތުގައި ހަމަޖެއްސުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.

ރިޔާސީ ބަޔާނަށް ސަރުކާރު ނިސްބަތްވާ ޕާޓީ ފިޔަވައި، މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންޖެހެ އެވެ. މިފަހަރު ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެ ބޭފުޅަކީ ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމެވެ.