ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވި މީހަކު ފެނުނު މައްސަލާގައި ހިންގި ޖިނާއީ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.

އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ.

އެ މައްސަލައަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ޅ. ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނި، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވާތީ، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރިފައިވާތީ އެކަމުގައި އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރެވުނު މައްސަލައެކެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގީވެސް ޕްރޮސިކިއުޓާ ޖެނެރަލެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ދައުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑްގެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ.