ދުނިޔޭގެ މަޝްހޫރު މަޖައްލާ ޓައިމް މެގަޒިންގެ ކަވަރުގައި މިފަހަރު ބޮލީވުޑް މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ހިމަނައިފި އެވެ.
ޓައިމް މެގަޒިންއިން ދީޕިކާ ސިފަކޮށްފައިވަނީ "ދުނިޔެ ބޮލީވުޑަށް" ގެނެސްދޭ "ގްލޯބަލް ސްޓާ" އެއްގެ ގޮތުގަ އެވެ. މީގެ ކުރިން 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ދީޕިކާ ވަނީ ހިމެނިގެން ގޮސްފަ އެވެ.
ދިޕީކާ ވަނީ ޓައިމް މަޖައްލާއަށް ނެގި ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ޓައިމް މަޖައްލާގައި ދިޕީކާގެ ހާއްސަ އިންޓަވިއުއެއް ވަނީ ގެނެސްދީފަ އެވެ. މިއިންޓަވިއުއްގައި ދީޕިކާ ވަނީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ އަންނަނީ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް އިންޑިއާ ތަމްސީލުކުރަމުންނެވެ. އެގޮތުން މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި ވެސް އޭނަ ބައިވެރިވި އިރު، ކާންސް ފިލްމު ފެސްޓިވަލް ފަދަ އިވެންޓްތަކުގައި ވެސް ބައިވެރިވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި މުބާރާތުގެ ޓްރޮފީ ދައްކައިލަން ބޭއްވި އިވެންޓަކީ ވެސް ދީޕިކާ ވަނީ ބައިވެރިވެފަ އެވެ.
ދީޕިކާ 2017 ވަނަ އަހަރު ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅެފަ އެވެ.
ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ކަމަށްވާ ލުއީ ވިޓޯންގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ދިޕިކާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ގަތަރު އެއާވޭސްގެ މިހާރުގެ ބްރޭންޑް އެމްބެސެޑަރަކީ ވެސް ދީޕިކާ އެވެ.
ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިއަހަރު އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ޕަތާން" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފައިޓާ"، "ޕްރޮޖެކްޓް ކޭ" އަދި "ސިންގަމް އެގެއިން" ހިމެނެ އެވެ.