މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓް ޗެއިންއެއް ކަމަށްވާ މެކްޑޮނަލްޑްސްގެ އެމެރިކާގެ ގޮތްޕަކުން ގެނެސްދިން ހޫނު ކެއުމެއްގެ ސަބަބުން ކުޑަ ކުއްޖަކު ފިހުމާއެކު އެ ވިޔަފާރިން ކޯޓަށް ހާޟިރުވާން ޖެހިއްޖެ އެވެ.
އެމެރިކާގެ ފްލޮރިޑާގައި ހިނގި މި ހާދިސާގައި ކުޑަކުއްޖާ ފިހުނީ މެކްޑޮނަލްޑްސްއިން އޯޑަރުކުރި ހެޕީ މީލްގައިވާ ޗިކަން ނަގެޓެއް ފައި މައްޗަށް ވެއްޓުމުންނެވެ. ހަބަރުތައް ބުނާ ގޮތުގައި އޭގެ ސަބަބުން އެ ކުއްޖާގެ ފަޔަށް ސެކަންޑް ޑިގްރީ ބާންސް ލިބިފައިވެ އެވެ.
މި މައްސަލާގައި ކުއްޖާގެ ބެލެނިވެރިން ވަނީ މެކްޑޮނަލްޑްސްއާއި އެމެރިކާގައި އެ ވިޔަފާރި ހިންގާ ކުންފުނި ކަމަށްވާ އަޕްޗާޗް ފުޑްސްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.
އެގޮތުން ގެނައި ކެއުމަކީ ހޫނު ކެއުމެއްކަން ވެއިޓަރުން ބުނެދީފައިނުވާ ކަމަށާއި އެއީ ކާތަކެތި ވިއްކުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ހުށައެޅި މައްސަލާގައި ބުނެފައިވެ އެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކުޑަކުއްޖާގެ މަންމަގެ އޭނާގެ ފޯނުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވަނީ ދައްކާފަ އެވެ. އެހެން ނަމަވެސް އަޑުއެހުމުގައި އޯޓިޒަމް ހުންނަ ހަތް އަހަރުގެ އެ ކުއްޖާ ހެކިބަސް ދީފައެއް ނުވެ އެވެ.
މި މައްސަލައިގެ ދެވަނަ އަޑުއެހުން ފްލޮރިޑާގެ ކޯޓުގައި ޝެޑިއުލް ކޮށްފައިވާއިރު މެކްޑޮނަލްޑްސްއާއި އެ ވިޔަފާރީގެ ބެލެނިވެރި ކުންފުނިން ކުޑަ ކުއްޖާގެ އާއިލާއަށް ދޭން ޖެހޭ މާލީ ބަދަލު އެ އަޑުއެހުމުގައި އެނގިގެންދާނެ އެވެ.
މި ހާދިސާއާ ގުޅިގެން މެކްޑޮނަލްސްއިން ބުނީ ކުޑަކުއްޖާއަށް ދިމާވި ގޮތާމެދު ހިތާމަކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.
މި މައްސަލައާއެކު 1990ގެ އަހަރުތަކުގެ ތެރޭގައި ފެންމަތިވި މެކްޑޮނަލްޑުސްގެ މިފަދަ އިހުމާލެއްގެ ވާހަކަ ވެސް އަލުން ވަނީ ދެކެވެން ފަށާފަ އެވެ.
1992 ވަނަ އަހަރުގެ އެ ހާދިސާގައި ކަސްޓަމަރެއްގެ އުނގަށް ހޫނު ކޮފީ ތަށްޓެއް ބަންޑުން ވުމުން ބަދަލުގެ ގޮތުގައި މެކްޑޮނަލްޑްސްއިން 480،000 އެމެރިކާ ޑޮލަރު އޭނާއަށް ދޭން ޖެހުނެވެ.