ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ "ވަގެއް" ކަމަށް ބުނެ އެންޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ކުރި ޓްވީޓްއަކާ ގުޅިގެން އޭނާއާ ރައީސް އޮފީހުން މިއަދު ބައްދަލުކޮށްފި އެވެ.

މުޣުނީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހް ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައި ވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓް ބައެއް ކަމަށެވެ.

"ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް،" ކަމަށް މުޣުނީގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް މުޣުނީ ވަނީ އެ ޓްވީޓް ވަގުތުން ޑިލީޓްކޮށްފަ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިއަދު އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ވާހަކަ ދައްކާފަ އެވެ. އަދި އޭނާއަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. އެހެން ނަމަވެސް އަދި އޭނާ އާ މެދު ފިޔަވަޅެއް އަޅާކަށް ރައީސް އޮފީހުން ނިންމާފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މުޣުނީ ރައީސް ސޯލިހުއާ މެދު ކުޑައިމީސްކޮށް މުހާތަބުކޮށް ޓްވީޓްކުރެއްވުމުން، އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

މުޣުނީ އަކީ މިހާރު ސަރުކާރުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހުއަށް ތާއީދުނުކޮށް ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމާފަ އެވެ.

މުޣުނީގެ އެ ޓްވީޓް އާއެކު އެމްޑީޕީގެ ގިނަ ބަޔަކު ވަނީ މުޣުނީ މަގާމުން ވަކިކުރުމަށް ގޮވާލަފަ އެވެ.