ސްޓެލްކޯ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާ ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މި ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުންނެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައި ވަނީ 23 މުވައްޒަފުންނެވެ.
ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުން ކަމަށެވެ.
ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގެ އެންމެ މުހިއްމު އަދި ޓެކްނިކަލީ އެއާއެއްވަރުގެ އެހެން ކުންފުންޏެއް ނެތް ކުންފުންޏެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުން އެއީ އަމާޒެއް އެކަމުގައި ސްޓެލްކޯގެ ދައުރު އަދާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް މި މަސައްކަތަކީ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް،" ޝަރީފް ވިދާޅުވި އެވެ.
ކަރަންޓު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި ސްޓެލްކޯއިން އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖޭގައި ނުތިބޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ މައުލޫމާތާއި، ތަޖުރިބާ އަކީ ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރަށް ބޭނުންވާ ދެ ހިދުމަތް ކަމަށާއި އަދި ކުރިމަގުގައި، މިފަދަ އިތުރު ފުރުސަތުތައް ކުންފުނިން ތަނަވަސްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.