ދުނިޔޭގައި އެކިތަންތަނުގައި ހާލުގައި ޖެހިފައިވާ ގައުމުތަކަށް އެހީވުމަށް އަބަންކޯއިން އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ) އާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލެވެ.
މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް މަގުފަހިކޮށްދިނުމަކީ އައިއޭސީގެ ޒިންމާއެކެވެ.
އާބަންކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އާބަންކޯ އިން އައިއޭސީއިން އައިޑެންޓިފައިކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ ތަޖުރިބާކާރުންގެ ޓީމެއް މަސައްކަތްކުރާނެ ކަމަށެވެ.
އެގޮތުން ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓާޕްލޭންގެ ކޮންސެޕްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އާބަންކޯގެ ދަށުން ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އާބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެއްވުނު އެއްބަސްވުމެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
އައިއޭސީ އިން މިހާރުވެސް ގެންދަނީ ފަލަސްތީނުގައި ދިވެހީންގެ ނަމުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމަސައްކަތަށް އެހީވާން ބޭނުންވާ ދިވެހީންނަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.