ރައީސްކަން ކުރައްވާ ބޭފުޅުންނަށް ހުތުރު ނަންތަކުން މުހަތަބު ކުރުމަކީ ޑިމޮކްރަސީގެ ރޫހު ކަމަށް ވިދާޅުވުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް ނަޝީދަށް ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރާ ރައީސުންނަށް ހުތުރު ނަންނަމުން ގޮވުމަކީ ޑިމޮކްރަސީ ކަމަށް ވިދާޅުވެ އެކަން ދިފާއު ކުރައްވާ ވާހަކަދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް "ވަގަށް" ގޮވާ ޗެނަލް 13 އިން ގެނެސްދިން ލަވަތަކެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފެށުމުން އެމައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ.
އެ މައްސަލައަށް ރިޔާސަތުގައި އިންވަނާ ރައީސް ނަޝީދު ވަނީ ރައީސުންނަށް ހުތުރު ނަންނަމުން ގޮވުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް "ކަރުކުރު ބައިސާ" އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "ގޮޅާބޯ" އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ގަންޖާބޯ" އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ބާޣީ ވަހީދު" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރާނގޮނޑި ރާޖާ"، އެ ނަންތައް ރައްޔިތުންގެ މަޖިލީހުގަ އާއި އެހެން ޕޯޑިއަމްތަކުގަޔާއި އެހެން ތަންތަނުގައި ގޮވަމުންދާ ނަންތަކެއް ކަމަށެވެ.
ރައީސް ނަޝީދުގެ އެވާހަކަތަކަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވާ ކުރީގެ ރައީސް މައުމުން ކުރެއްވި ޓުވީޓެއްގައި ވަނީ މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތް ﷲ ނަހީ ކުރައްވާފައިވާ ކަމަށެވެ. އަދި އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާލެއްވުމަށް މައުމޫން ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަށް ނިސްބަތް ކުރައްވާ "ޗޯރު އިބުރޭ" އޭ ގޮވުމުން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ ދިމޮކްރެސީގެ ރުހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"މިއަދު 'ޗޯރު އިބުރޭ' ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވަނީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.