ދުނިޔޭގެ ގިނަ ގައުމުތަކަކަށް ދަތުރުކުރުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހަދައި އެ ދިރިއުުޅުން އުޅެވެނީ މަދު ބަޔަކަށެވެ.
އޭގެ ތެރެއިން އެކަކަކީ ޑެންމާކަށް ނިސްބަތްވާ ތޯބްޖޯން ޕެޑަސަން ނަމަކަށް ކިޔާ މީހެކެެވެ. 10 އަހަރު ތެރޭގައި މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް އޭނާ ވަނީ ދަތުރު ކޮށްފަ އެވެ.
އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދުނިޔެ ވަށާ ދަތުރު ކުރުމުގައި އޭނާ ގެންގުޅުނު އުކުޅުތަކަށެވެ. ޖުމްލަ 203 ގައުމަކަށް ޕެޑަސަން ދަތުރުކޮށްފައިވާއިރު އެއިން އެއްވެސް ގައުމަކަށް ދިއުމަށްޓަކައި އޭނާ ވައިގެ ދަތުރުފަތުރު ބޭނުންކޮށްފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި ޕަޑަސަަން ޚިޔާރުކުރީ އެއްގަމާއި ކަނޑުގެ ދަތުރުފަތުރެވެ. އެގޮތުގެ މަތިން އެކި އެއްގަމު އަދި ކަނޑު އުޅަނދު ފަހަރުގައި އޭނާ ދަތުރުކޮށްފައިވެ އެވެ.
ވައިގެ ދަތުރުފަތުރަކީ މިހާރު ދުނިޔޭގައި އެއްގައުމުން އަނެއް ގައުމަށް ދިއުމަށް އެންމެ ގިނައިން ބޭނުން ކުރެވޭ ވަސީލަތަށްވީއިރު އެނޫން ގޮތަކަށް އޭނާގެ ދަތުރުތައް ރޭވުމުގެ ބޭނުމަކީ ތަފާތު ތަޖުރިބާއެއް ކުރުން ކަމަށް ޕެޑަސަން ބުނެ އެވެ.
މިދިޔަ ހަފްތާގައި އޭނާގެ ދަތުރު ނިންމާލިއިރު އޭނާގެ އެންމެ ފަހުގެ މަންޒިލަކަށްވީ ރާއްޖެ އެވެ. މުދާ އުފުލާ ކޮންޓެއިނަރެއްގައި ރާއްޖެ އެތެރެވި ޕެޑަސަން އޭނާގެ ޗުއްޓީ ހީދަ ކުރަނީ އޮބްލޫ ސެލެކްޓް އާއިލާފުށީގަ އެވެ.