އިންޑިއާގެ އޮޑިއްސާގައި ދެ ރޭލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 200 އަށް ވުރެ ގިނަ މީހުން މަރުވެ ހާހެއްހާ މީހުން ޒަޚަމް ވެއްޖެ އެވެ.
ކަލްކަތާ އާއި ޗެންނާއީއާ ދެމެދު ދަތުރުކުރާ ކޮރޮމާންޑެލް އެކްސްޗޭންޖްގެ ރޭލަކާއި އެހެން ފަސިންޖަރު ރެއިލެއް ކަމަށްވާ ދަ ހޮވްރާ ސުޕަ ފާސްޓް އެކްސްޕްރެސްގެ ރޭލެއް ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު އަދި މައްޗަށް ދާނެ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ.
އިރުމަތީ އިންޑިއާގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން 850 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު ހޯދުމަށް ތަހުގީގުކުރަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ދަގަނޑުން ކައްސާފައިވާ ރޭލުގެ ބައެއް ބައިތަކަށް މީހުން ސަލާމަތްކުރަން ހަރަކާތްތެރިވާ ފަރާތްތަކުން އަރައި މީހުން ނަގަމުންގެންދާ މަންޒަރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރެއިލް ރޯޑް މިނިސްޓްރީއިން ވާހަކަ ދެއްކި އަމީތާބު ޝަރުމާ ބުނި ގޮތުގައި އެއް ރޭލް ކޮންޓްރޯލް ނުވެ ބައެއް ބައިތައް ދަގަނޑުން ނައްޓާލައިގެން ގޮސް ޖެހިގެން އޮތް ދަގަނޑަށް ފޭބީ އެވެ. އެ ވަގުތު އިދިކޮޅަށް ދަތުރު ކުރަމުން އައި ރޭލު އެބައިތަކުގައި ޖެހި ކޮންޓްރޯލުން ނައްޓައިލައި ދަގަނޑުން ބޭރަށް ދިޔައީ އެވެ.
ޝަރުމާ ބުނި ގޮތުގައި ކޮންޓެއިނަރު ހިފައިގެން ދަތުރު ކުރި ކާގޯ ރޭލަކަށް ވެސް މި އެކްސިޑެންޓާ ދިމާވި އެވެ. އެކަމަކު އެ ޚަބަރު އަދި މުޅިން ކަށަވަރެއް ނުވެ އެވެ.
މީހުން ސަލާމަތްކުރުމުގެ ހަރަކާތް ކުރިޔަށްދާއިރު ހޮސްޕިޓަލްތަކުގެ ބޭރުގައި ޒުވާނުން ލޭ ހަދިޔާކުރުމަށް ކިޔު ހަދާފައި އެބަތިއްބެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި، އަނިޔާ ލިބުނު މީހުންނާއި މަރުވި މީހުންގެ އާއިލާގެ ހިތާމައިގާ ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރޭލް އެކްސިޑެންޓްތައް މަދުކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ކުރި ކަމަށް ވިޔަސް އެ ގައުމުގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ރޭލް އެކްސިޑެންޓެއް ހިނގައި އެތައް ބަޔަކު މަރުވެ އެވެ. އެންމެ ފަހުން 1995 ވަނަ އަހަރު ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި އެކްސިޑެންޓުގައި 358 މީހުން ވަނީ މަރުވެފަ އެވެ.