އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް މިއަދު ހަވީރު ފައްޓަވައިދެއްވައިފި އެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މިމަޝްރޫއުގައި 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ވެން އޫޑް އާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏާ މިމަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އައްޑު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ އައްޑޫ ސިޓީ މަރަދޫގައި މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ބިން ހިއްކުމުގެ މަޝްރޫއު ފަށަނީ މަރަދޫ/ ފޭދޫ އިންނެވެ.
މި މަޝްރޫއުގައި އައްޑޫ ސިޓީ ގެ 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ އަދި ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިްނމާފައެވެ. ހުޅުމީދޫއިން 23.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި އަދި ހުޅުމީދޫގައި ފަޅު ތެރެއިން ޓޫރިޒަމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަސް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫގައި ހިންގާ ބޮޑެތި މަޝްރޫއުތަކެއް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް މިއަދު ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ. 5 މަޝްރޫއެއް އައްޑުގައި ފެށުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވާނެ އެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރިނާޓަސްއާ އެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު އެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ އައްޑޫ ދަތުރުގައި ސަރުކާރުން މިހާރު އައްޑޫގައި ހިންގަމުން އަންނަ ބައެއް އެހެން މަޝްރޫއުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް ބައްލަވާލައްވާނެ އެވެ.