ފިރިހެން ކިނބުލެއްގެ އެހީއެއް ނެތި އަންހެން ކިނބޫއެއް އެޅި ބިސްތަކެއްގެ ތެރެއިން ކުޑަ ކިނބޫއެއް ފެނި ސައިންސްވެރިން ހައިރާން ކޮށްލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި 16 އަހަރު ވަންދެން އެކަހެރި ކޮށްފައި އޮތް އެ ކިނބޫ 2018 ވަނަ އަހަރު 13 ބިސް އަޅާފައިވެ އެވެ. އެއަށްވުރެ ހައިރާން ކުރުވި ކަމަކީ އޭގެ ތެރެއިން އެއް ބިހުގެ ތެރޭގައި ކުޑަ ކިނބޫއެއް އުފެދިފައި އޮތުމެވެ.

އެ ބިސް އިންކިއުބޭޓް ކުރުމަށްފަހު އެ ބިހުގެ ތެރޭގައި ކިނބުލެއް އޮތްކަން ޔަގީން ކުރެވުނު ނަމަވެސް އެ ކިނބޫ އޮތީ މަރުވެފައި ކަމަށް ސައިންސްވެރިން ބުނެ އެވެ.

މަރުވެފައިވާ ކުޑަ ކިނބުލުގެ ޑީއެންއޭ ނަގައި އިތުރު ތަހުލީލުތައް ކުރަމުން އަންނައިރު އޭގެ މަންމަ ބަނޑުބޮޑުވީ ގުދުރަތީ ގޮތުން އަންހެން އެތީގެ ހަށިގަނޑުގައި ހިނގާ ނިޒާމެއްގެ ތެރެއިން ކަމަށް ވަނީ ދެނެގަނެވިފަ އެވެ.

ކިނބުލަކީ ދަރިމައިވުމަށް އަންހެން އެއްޗަކާއި ފިރިހެން އެއްޗެއްގެ ޑީއެންއޭ ބޭނުންވާ ޖަނަވާރަކަށް ވާއިރު މި އާދަޔާ ހިލާފު ހާދިސާއަށް " ދަ ވާޖިން ބާތު"ގެ ނަމުން ސައިންސްވެރިން ވަނީ ނަން ދީފަ އެވެ.

މީގެ ކުރިން މަސްމަހާމެހީގެ އިތުރުން ހަރުފައާއި ހޯނު ފަދަ ޖަނަވާރުންގެ ފަރާތުން ވެސް މިފަދަ ކަންކަން ވަނީ ފެނިފަ އެވެ.ސައިންސްވެރިން ބުނާ ގޮތުގައި މި ހޯދުމާއެކު ކިނބޫ އާއިލާގެ އިތުރު މައުލޫމާތުތައް ހޯދޭނެ އެވެ.