ފުވައްމުލަކުގައި އެ ރަށުގެ އެތައް މަސްވެރިންނެއް މަސްވެރިކަމަށް ރަށުގެ ނެރަކުން ނުކުންނަނިކޮށް ނުވަތަ ލަފަނިކޮށް އަރައި ފޭބުމުގެ ތެރޭގައި ބޮއްކުރާ ނުވަތަ ދޯނި ބަންޑުން ޖަހާލައިގެން ވަނީ މަރުވެފަ އެވެ. އެކުވެރިންނާއެކު މަޖާކުރަން ހުޅަނގު ފަރާތު އޮންނަ އަރުއް ފަންނަށް އެރި އުޅުނު ޒުވާން ހަތަރު އަންހެން ކުދިން ވެސް ވަނީ 1982 ގައި ގެނބިގެން މަރުވެފަ އެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނެ އެވެ.
ޑިސެމްބަރު 18، 2000 ގައި މާލެއިން ގޮސް ފުވައްމުލަކު ނެރެގަނޑޮ ފަންނުން ބޮއްކުރައެއްގައި ރަށަށް ފޭބުމުގެ ތެރޭގައި ބަންޑުން ޖަހާލުމުން ދެ މީހަކު ގެނބިގެން މަރުވެފައިވެ އެވެ. ދާދިފަހުން ފަހުން އަރުއް ފަންނަށް މޫދަށް އެރި އުޅެނިކޮށް، ގަދަ އޮޔާ ދަމައިގެން ދިޔަ ޒުވާނަކު ވެސް މަރުވެފައިވެ އެވެ. މިފަދަ އެތައް ހާދިސާއެއް އެ ރަށުގައި މީގެ ކުރިން ހިނގާފައިވެ އެވެ. އެ ހިތްދަތި ހާދިސާތައް އަދިވެސް ގިނަ ބަޔަކު ހަނދާން ހުރެ އެވެ.
ވަށައިގެން ބިޔަ ރާޅު ނަގާ ފުވައްމުލަކުގެ ތާރީހުގައި އަރައި، ފޭބުމުގެ ތެރޭގަ އާއި މޫދަށް އެރިއުޅުމުގެ ތެރޭގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބަޔަކު މަރުވެފައިވެ އެވެ. އެހެންވެ 2003 ވަނަ އަހަރު ބަނދަރު ހެދުމުގެ ކުރިން އެ ރަށަށް ދާން ވަރަށް ގިނަ މީހުން ޖެހިލުންވެ އެވެ. ބަނދަރު ހެދުމުގެ ކުރިން ރަށަށް އަރައި ފައިބަނީ ބޮއްކުރާގައި ފަލި ޖަހާފަ އެވެ. ރަށަށް އަންނަ ބޯޓު ފަހަރުން މީހުން ބާލައިގެން ބޮއްކުރާގައި ނެރުން ގިނަ ފަހަރަށް ވަންނަނީ ރާޅެއްގެ ދަށުނުވާނެކަމުގެ އެއްވެސް ޔަގީން އޮވެގެނެއް ނޫނެވެ. ކޮންމެ މީހަކު ވެސް އެ ބޮއްކުރައަށް އަރަނީ ސަލާމަތުން ރަށަށް ލެފޭނެކަމުގެ ޔަގީން ކަމެއް ނެތި، ފުރާނަ އަތްމައްޗަށް ލައިގެންނެވެ.
ދެހާހުގެ ކުރީ ކޮޅު މާލެއިން ދިޔަ ބަޔަކު ބަންޑުން ޖަހާލި ހާދިސާއަށް ފަހު އަރައި ފައިބާއިރު ލައިފް ޖެކެޓް އަޅަން ވެސް ފެށި އެވެ. ބަނދަރު ބޭނުންކުރަން ފެށުމާ ހަމަޔަށް ވެސް އެ އުސޫލަށް އަމަލުކުރި އެވެ.
އަރައި ފޭބުމަށް ދަތި ފުވައްމުލަކުގައި 2003 ވަނަ އަހަރު ބަނދަރު ހެދުމުގެ ކުރިން އިރުވައި މޫސުމުގައި އަރައި ފައިބަނީ މާނޭރާއި ނެރެގަނޑަށެވެ. އަދި ހުޅަނގު މޫސުމުގައި އަރައި ފައިބަނީ ރަސްގެފަންނު، ބަނޑަހަލް ފަންނު، އަނބުލު ފަންނަށެވެ. މީގެ ތެރެއިން ބޮއްކުރާ ބަންޑުން ޖަހާލުމުގެ ގިނަ ހާދިސާތައް ހިނގާފައި ވަނީ މާނޭރެ ފަންނުގަ އެވެ.
އެފަދަ ހާދިސާތައް ގިނަވުމުން މަރުވި މީހުންގެ އަދަދު ވެސް މުޅިން ސާފެއްނުވެ އެވެ. ނަމަވެސް ފުވައްމުލަކު ބަނދަރު ހުޅުވުމަށް 2003 ވަނަ އަހަރު ބޭއްވި ޖަލްސާގައި 21 މީހެއްގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ އެ ރަށުގައި ގެނބިގެން މަރުވި މީހުންގެ ސީދާ އަދަދެއް އެނގޭނެ ގޮތެއް ނެތް ކަމަށެވެ.
"މާނޭރެ ގޮނޑުދޮށުގައި މޮނިއުމަންޓެއް ހަދަން ނިންމައި އެތަނުގައި މަރުވި މީހުންގެ އަދަދު ހޯދަން މަސައްކަތްކުރި. ނަމަވެސް އެ އަދަދުތައް ރަސްމީކޮށް ބަލަހައްޓާފައި ނެތުމުން ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި،" ލިރާރު ވިދާޅުވި އެވެ.
ނަމަވެސް އެތަނުގައި ހިނގައިދިޔަ ބައެއް ހާދިސާތަކުގެ ރެކޯޑުތައް ރަށުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން އަމިއްލަ ގޮތުން ރައްކާކޮށްގެން ގެންގުޅުއްވަ އެވެ.
މާނޭރެ ފަންނު ލަފަން ނުރައްކާތެރި
ފުވައްމުލަކުގައި އަރައި ފޭބުމަށް ބޭނުންކުރި ތަންތަނުގެ ތެރެއިން އެންމެ ނުރައްކާތެރި ތަނަކީ މާނޭރެ ފަންނެވެ. އެތަނުން އަރައި ފޭބުމުގެ ތެރޭގަ އާއި މޫދަށް އެރި އުޅުމުގެ ތެރޭގައި މިދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި 10 ވަރަކަށް މީހުން މަރުވެފައިވާ ކަމަށްވެ އެވެ.
އެތަނުގައި ގެނބިގެން ގިނައިން މަރުވެފައި ވަނީ މަސްވެރިންނެވެ. މީގެ އިތުރުން ބޮއްކުރާގައި ރަށަށް ލަފަން އުޅުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލައިގެން ވެސް އާއްމުންގެ ބައެއް މީހުން މަރުވެފައިވެ އެވެ.
މީގެ ތެރެއިން އެއް ހާދިސާގައި އައްޑޫގައި އޮތް ބަށި މެޗެއް ކުޅެފައި 1990 ވަނަ އަހަރު ޖެނުއަރީ ދެވަނަ ދުވަހު ފުވައްމަލަކަށް ދިޔަ ޓީމު ބޮއްކުރައެއްގައި ލަފަނިކޮށް ބަންޑުން ޖަހާލި ހާދިސާގައި ފުވައްމުލަކު، ރިއަލީ، ފާތިމަތު އިބްރާހިމް ދިދީ ވަނީ މަރުވެފަ އެވެ.
"އެ ދުވަހަކީ ވެސް ކަނޑުމަޑުކޮށް އޮތް ދުވަހެއް. ބޮއްކުރައެއްގައި ރަށަށް ލަފަނިކޮށް ކުއްލިއަކަށް ނެގި ރާޅެއްގައި ބޮއްކުރާ ބަންޑުން ޖަހާލީ،" އެ ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަންކުރި މުހައްމަދު ސައީދު (ކަޅޮބައަގެ ބެއަ) ބުންޏެވެ.
މީގެ އިތުރުން ވެސް ދެ މަސްވެރިއަކު މަހުން ލަފަނިކޮށް އެއް ރޭ ދަންވަރު ބޮއްކުރައާއެކު ބަންޑުޖަހާލުމުން ގެނބިގެން މަރުވެފައިވެ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނުނީ ޖެހިގެން އައި ދުވަހު މަރުވެފައި އޮއްވަ އެވެ.
"އެތަނަށް ބަންޑުން ޖަހާލި ބައެއް މީހުން ނުފެނި ވެސް ވޭ. އެއީ ވަރަށް ނުރައްކާތެރި ނެރެއް،" ސައީދު ބުންޏެވެ.
މާނޭރެ ނެރު ނުރައްކާވަނީ އެއީ ރަށުގެ ފުއްޓަރު ފަރާތަށްވުމުން ބޭރު ކަނޑުން އަންނަ ބޮޑެތި ރާޅު އެއްވެސް ހުރަހެއް ނެތި ނެރުމައްޗަށް ބިންދާލާތީ ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެ އޮއިވަރުގެ ތެރޭގައި ބޭރަށް ދަމައިގަންނައިރު ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށްވެ އެވެ.
"ނެރު ފުންވީމަ ވާގޮތަކީ މާވައި (ރާޅު) ބިންދާލައި، ބޭރަށް އޮއިވަރު ދަމައިގަންނަނީ އިންތިހާއަށް ބާރުގަދަކޮށް. އެ އޮއިވަރުގެ ތެރޭގައި ފަތަން ދަންނަ މީހަކަށް ވެސް ސަލާމަތްވެވެނީ ވަރަށް އުނދަގުލުން،" އޭނާ ބުންޏެވެ. "އެއީ މާނޭރެ ފަޅި އަބަދުވެސް ބިޔަ ރާޅު ނަގާތީ. އެތަނުން އަރައި ފައިބަނިކޮށް މަދު ދުވަހެއް ދާނީ ބޮއްކުރާ ބަންޑުން ޖަހާނުލައި."
ކުރީގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ހުސެއިން ޝަރީފް މުހައްމަދު ވެސް ވިދާޅުވީ މާނޭރެ ފަންނުގައި ބޭރަށް ދަމާ އޮއި ވަރަށް ގަދައަށް އޮންނާނެ ކަމަށެވެ.
"ބޭރަށް ދަމައިގަތުމުން ފަތަންނަ ދަންނަ މީހުން ވެސް ސަލާމަތް ނުވޭ ބައެއް ފަހަރު. އެތަނުގައި ހަދަން ޖެހޭ ގޮތަކީ ބޭރަށް ދަމައިގަތުމުން ބޭރަށް ފަތަން ޖެހޭނީ. އެކަން އެތަނަށް ފައިބާ ކޮންމެ ކޮންމެ މީހަކަށް ނޭގިދާނެ،" ފުވައްމުލަކުގައި ހުންނަވައި "ހުރިހާ"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ. "އެއްފަހަރު ޕްލޭނިން މިނިސްޓްރީގެ ތަފާސްހިސާބުގެ މަސައްކަތަށް އައި ބަޔަކު ގެންދިޔަ ސާމާނާއެކު ބޮއްކުރާ ބަންޑުން ޖަހާލި. އެ ދުވަހު ވެސް އެ ބޮއްކުރާގައި ތިބި ހަތަރު މީހަކު ސަލާމަތްވީ ކިރިޔާ."
ހުސެއިން ޝަރީފު ވެސް ފާހަގަކުރެއްވި ގޮތުގައި ކަނޑުވެ އަދި ގެނބިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ރަށު ހުޅަނގު ފަރާތުންނެވެ. އެ ފަރާތުގެ ކޮންމެ ދިމާލަކީ ވެސް ނުރައްކާތެރި ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައުޒަން ގެނބުނީ ގަދަ އޮއިވަރުގައި ޖެހިގެން
ފަތަން ދަންނަ އުމުރުން 17 އަހަރުގެ ފައުޒާން މާނޭރެ ނެރަށް ފުންމާލަން ޖެހުނީ އެތަނަށް ފޭބި ދެ އަންހެން ކުއްޖަކު އޮޔާ ބޭރަށް ދަމައިގަތުމުން އެ ކުދިން ސަލާމަތްކުރަން ވެގެންނެވެ.
"އާދަކޮށް ދުވަން ދިއުމަށްފަހު މާނޭރަށް ފަތަން ދިއުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެއް. ދެ އަންހެން ކުދިން ވެސް ފައިބައިގެން އުޅެނިކޮށް ނެރުން ދަމައިގަތީ. އެ ދެ ކުދިން ސަލާމަތްކޮށްގެން ނެރުން އެރުވި ފަހުން ޖެހި ރާޅަކާއެކު ފައުޒަން ސަލާމަތް ނުވެގެން އުޅެނިކޮށް ނެރު ތެރެއަށް ވެއްޓުނީ،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ފައުޒަން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހަކު މީހަކު ބުނީ ފައުޒަން ފެނުނީ ނެރުން ބޭރު އަޑީގައި ކޮޅަށް ޖެހިފައި ހުއްޓާ ކަމަށެވެ.
"ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް. ދެން ވަގުތުން ނަގައިގެން ލޯންޗަށް އަރުވައިގެން ގެންދިޔައީ ބަނދަރަށް،" އެ މީހާ ބުންޏެވެ. "ބޭރު ފުށުން މާބޮޑު ޒަޚަމެއް ފެންނާކަށް ނެތް."
ސައީދު ބުނީ މާނޭރެ ނެރުގެ އެންމެ ނުރައްކާތެރި ސަރަހައްދަކީ ދެކުނު ފަރާތް ކަމަށެވެ.
"ދެކުނު ފަރާތަށް އެރުނީމަ އޭނައަށް އަރަން އުނދަގޫވީ ކަމަށް ލަފާކުރެވެނީ. އެތަނުގެ އޮއިވަރު ހިފާފައި ހުންނާނީ މަރިޔާގެ ފަންނާ ދިމާލަށް. އެ ނެރަށް ފައިބަން ދަންނަ މީހުން ފައިބާނީ ހުޅަނގު ފަރާތަށް. އެތަނުން އެއްގަމަށް އަރަން ފަސޭހަވާނެ،" އޭނާ ބުންޏެވެ.
ފައުޒާން އެތަނަށް ފޭބީ އެއްގޮތަކަށް ވެސް ސަލާމަތް ނުވެދާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. ގެނބެމުންދިޔަ ދެ އެކުވެރިން ސަލާމަތްކުރުމަށެވެ. ނަމަވެސް އެތަނުގެ އެގަދަ އޮއިވަރުގައި ޖެހި އޭނާ ބޭރަށް ދަމައިގަތުމުން ސަލާމަތްވެވޭ ގޮތް ނުވީ އެވެ.
ބޮއްކުރާ ބަންޑުން ޖަހާލުން އާއްމުކަމެއް
ސައީދުއަށް ވެސް ވަނީ ބޮއްކުރައެއްގައި އެއްގަމަށް އަރަނިކޮށް ބަންޑުން ޖަހާލި ހާދިސާއަކާ ދިމާވެފަ އެވެ. މިއީ ފުވައްމުލަކު މަސްވެރިންނަށް އާ ކަމެއް ނޫނެވެ. ގިނަ ފަހަރު ފުރާނަ ސަލާމަތް ވިޔަސް، އެތައް ލައްކަ ރުފިޔާގެ މުދާ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
"ހުޅަނގު މޫސުމުގައި ކަނޑު ގަދަވި ރެއެއްގައި ރަސްގެފަންނުގައި އޮތް ބޯޓެއް ހިފައިގެން މާނޭރެ ފަންނުގައި އޮތް ބޮއިއެއްގައި އެޅުމަށްފަހު އެއްގަމަށް އަރަނިކޮށް ބިންދާލި ރާޅަކާއެކު ބޮއްކުރާ ބަންޑުން ޖަހާލީ. އެރޭ ބޭރަށް ފަތަނިކޮށް ތިން ރާޅު ބޮލަށް ބިންދާލި،" އޭނާ އަށް ދިމާވި ހާދިސާ ކިޔައިދެމުން ބުންޏެވެ. "އެއް ފަހަރު ރާޅެއް ބޮލަށް ބިންދާލުމުން ސަލާމަތް ނުވާނެ ކަމަށް ހީކޮށް ޝަހާދަތް ވެސް ކިއިން ވަރަށް ބާރަށް."
އެ ހާދިސާގައި ސައީދުއާއެކު ބޮއްކުރާގައި އެއްގަމަށް އަރަން ދިޔަ އެހެން މީހުން އެއްގަމަށް އެރިއިރު އޭނާ އަނެއްކާ ވެސް ފަތާފައި ގޮސް އެރީ ބޭރުގައި އޮތް ބޯޓަށެވެ.
"އެ ހާދިސާގެ ހާނދާން އަދިވެސް ހުރޭ. އެކަހަލަ ކިތަންމެ މަންޒަރެއް އަހަރެމެން ކުރިމަތިން ފެނިފައި އެބަހުރި،" ސައީދު ބުންޏެވެ.
ހަމަ އެގޮތަށް 1996 ވަނަ ސިފައިންގެ ބަޔަކު ކޯސްޓްގާޑު ބޭރުގައި ބާއްވާފައި ބޮއްކުރައެއްގައި އަރަނިކޮށް ބަންޑުޖަހާލައިގެން އެތައް އެއްޗެއް ގެއްލިފައިވެ އެވެ. އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވެ އެވެ.
އެ ރަށު އެހެން މީހަކު ބުނީ ބަނދަރު ނެތް ދުވަސްވަރު ލަފާ ފުރަން ބޭނުންކުރި އެއްވެސް ތަނަކީ އެހާ ރައްކާތެރި ތަނެއް ނޫން ކަމަށެވެ. އެނޫން ގޮތެއް ނެތުމުން ބޭނުން ކުރަނީ އެވެ. ނަމަވެސް ބަނދަރު ހެދުމުން އެ ބިރުވެރިކަން ވަނީ ފިލައިގެން ގޮސްފަ އެވެ.
"ބަނދަރެއް ނެތްއިރު އަހަރެމެން އުޅުނު ހާލެއް އެނގެނީ އެ މަންޒަރު ފެނު ބަޔަކަށް. ވަށައިގެން ބިޔަ ރާޅު ނަގާ މިރަށުގެ އެއްވެސް ތަނަކީ ރައްކާތެރި ތަނެއް ނޫން. މާނޭރެގެ އިތުރުން ދަޑިމަގު ނެރެގަނޑަކީ ވެސް އެހާ ނުރައްކާތެރި ތަނެއް،" އެ ރަށު މަސްވެރިއަކު ބުންޏެވެ. "އެތަނުން ވެސް ކިތަންމެ ބަޔަކު ގެނބިގެން މަރުވެފައި އެބަހުރި. ރަސްގެފަންނުގައި ވެސް ގެނބިގެން މަރުވެފައި އެބަހުރި."
އެ މީހާ ބުނީ އެ ރަށުގައި މަސްވެރިންގެ ތެރެއިން ބޮއްކުރާ ބަންޑުން ޖަހާލި ހާދިސާއަކާ ދިމާ ނުވާ މީހަކު ވަރަށް މަދުވާނެ ކަމަށެވެ.
ބަނދަރު ބޭނުން ނުކުރެވޭ ދުވަސްތައް އަދިވެސް ދޭ
ފުވައްމުލަކުގައި އަގުބޮޑު ބަނދަރެއް ހެދިއަސް ހުޅަނގު މޫސުމުގެ ބައެއް ދުވަސްތަކުގައި އަދިވެސް އެ ބަނދަރަށް ވަދެ ނިކުމެ ހެދުމުގައި ދަތިތަކާ ދިމާވެ އެވެ.
މުޅިން ތަފާތު ތިމާވެއްޓެއް އޮންނަ ރަށުގައި ބަނދަރުގެ ނެރުމައްޗަށް ވެސް އިރުވައި މޫސުމުގެ ބައެއް ދުވަސްތަކުގައި އާދަޔާ ޚިލާފު ބިޔަ ބާނިތައް ބިންދަ އެވެ. އެހެންވެ އެކަހަލަ ދުވަސްތަކުގައި އަރައި ފޭބުމަށް އަދިވެސް މާނޭރެ ފަންނު ބޭނުންކުރެ އެވެ.
"އެތަނަކީ އެހާ އާއްމުކޮށް އަރައި ފޭބުމަށް ބޭނުންކުރާ ތަނެއް ނޫން. ނަމަވެސް ދޭތެރެ ދޭތެރެއިން އެތަން ބޭނުންކުރަން ޖެހޭ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ހިނގި ހާދިސާއަށްފަހު އެ ނެރު ބަންދުކުރަން އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ. ނަމަވެސް ނެރު ބަންދުކުރުމަކީ މުޅިން އޮތް ހައްލެއް ކަމަށް ލިރާރު ދެކެވަޑައިނުގަންނަވަ އެވެ.
"އެ ނެރު ބަންދުކުރަން އެކި ފަރާތްތަކުން ކައުންސިލަށް ރިކުއެސްޓް އެބަކުރޭ. އެކަމަކު އެއީ މުޅިން ހައްލުކަމަށް ގަބޫލެއް ނުކުރެވޭ. އެއީ މިހާރު ވެސް ދޭތެރެ ދޭތެރެއިން ބަނދަރަށް ވަދެ ނުކުމެ ނޫޅެވޭ ދުވަސްތަކުގައި އެތަން ބޭނުންކުރަން ޖެހޭތީ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ލިރާރު ވިދާޅުވީ މާނޭރު ނެރު ބަންދުކުރުމުގެ ބަދަލުގައި އެތަނުގެ އޮއިވަރު ހުންނަ ގޮތުން ފޭބުމަކީ ނުރައްކާތެރިކަން އެނގޭނެ ގޮތެއް ހުންނަން ޖެހޭ ކަމަށެވެ.
"މިހާރު ވެސް އެތަނުގައި ލައިފްބޯއިއެއް އޮވޭ. އިއްޔެ މަރުވި ކުއްޖާ ވެސް އެތަނަށް ކުއްލިއަކަށް ފުންމާލިއިރު އޭގެ މަތިން ހަނދާނެއް ނެތްކަން ނޭނގެ،" އޭނާ ވިދާޅުވި އެވެ. "މޫދަށް އެރޭ އެހެން ސަރަހައްދުތަކުގައި ވެސް ލައިފްބޯއި ބަހައްޓާފައިވާނެ. ކައުންސިލުން ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ތަންތަނާ ބެހޭ މައުލޫމާތު އެނގޭ ގޮތަށް ބޯޑުތައް ބަހައްޓާނެ."
ލިރާރު ދެކެވަޑައިގަންނަވާ ގޮތުގައި، ރައްކާތެރި މޫދެއް ނެތް ފުވައްމުލަކު ރައްޔިތުންނަށް އެރެވޭނެ ރައްކާތެރި މާހައުލެއް ސަރުކާރުން ގާއިމުކޮށްދޭން ޖެހެ އެވެ. އޭގެ ހައްލަކީ އާޓިފިޝަލް ބީޗެއް ހެދުމެވެ. މިހާރު އާއްމުކޮށް މީހުން ފަތަން ފައިބަނީ ކުރިން ބަނދަރެއްގެ ގޮތުގައި ބޭނުންކުރި ރަސްގެފަންނާއި ތުނޑީ ސަރަހައްދެވެ. މިއިން އެއްވެސް ތަނަކީ ފަތަން ފައިބަން ރައްކާތެރި ތަންތަނެއް ނޫނެވެ.
"މިކަމުގެ ހައްލަކީ މިރަށުގައި ވެސް އާޓިފިޝަލް ބީޗެއް ހެދުން. މިރަށުގެ މީހުން ފަތަން ދާން ރައްކާތެރި ތަނެއް ބޭނުންވޭ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކުގައި ގެނބިގެން މަރުވި ބައެއް ހާދިސާތައް ކުރުކޮށް
- ރޭގަނޑު މަސްވެރިކަން ކުރަން ނުކުމެފައި ރަށަށް އައިސް ލަފަނިކޮށް ރަސްގެފަންނު ނެރު ތެރެއަށް ބޮއްކުރާ ފެތިގެން އެޅަކަމަނާގެ ކަލޯ ވަނީ 1971 ވަނަ އަހަރު މަރުވެފައި.
- ފުވައްމުލަކުން މަހަށް ދިޔަ ދޯންޏެއް ރަށުގެ ހުޅަނގުކޮޅުގައި އޮންނަ "ނަގަނަމަގޮ" ކިޔާ ސަރަހައްދަށް ފެތިގެން ދަނބުގެ އެޅަމީހާ މަރުވެފައިވެ އެވެ. އޭނާ މަރުވި ތާރީޚެއް އެނގޭކަށް ނެތް
- މާނޭރެ ނެރަށް ދޯންޏެއް ބަންޑުން ޖަހާލައިގެން މަންތެފޮޅެ ހަސަންބެ އާއި ދަށު ކުބައިގެ އަހުމަދު ފުތުގެ އަލިފުތު މަރުވީ 1936 ވަނަ އަހަރު އޭޕްރީލް 25 ވަނަ ދުވަހު
- މާނޭރެ ނެރަށް ދޯންޏެއް ފެތިގެން ރިއަލީ (ޖޫން ޖުލައި) ގެއަހުމަދު އިބްރާހިމް ދީދީ އާއި ފުނަމާގެ އަބްދުﷲ އަލީ (ދޮންބެއަ) މަރުވީ 1980 ފެބްރުއަރީ 10 ގައި
- ދިގުވާނޑު އަރުއްފަންނު ނެރަށް މާހިފުން ދުއްވަން ފައިބައިގެން އުޅެނިކޮށް ރާޅު ބޮޑުވެގެން ބޭރަށް ދަމައިގެން ގޮސް ހަތަރު މީހަކު މަރުވީ 1982 ވަނަ އަހަރު ޖޫން 21 ވަނަ ދުވަހު. މި ހާދިސާގައި މަރުވީ ސަލްޖަމްގެ، އަނީސާ އަބްދުއް ރަހުމާނާއި ލީކުވިލާ، ހައްވާ ހަބީބާއި ލުނބޯމާގެ، މަރިޔަމް ދީދީ އަދި ޗަނބޭލީއާގެ، ހަދީޖާ މަނިކެ
- ހޯދަޑު އަވަށު ސާދާގޭ އަބްދުﷲ ސޯދިގު އެ އަވަށު އަނބުލު ނެރަށް ފައިބައިގެން އުޅެނިކޮށް 1988 ވަނަ އަހަރު އޭޕްރިލް 20 ވަނަ ދުވަހު ވަނީ ގެނބިގެން މަރުވެފައި
- ރަސްގެފަންނު ބޭރުގައި އޮތް ބޯޓަކަށް ގޮސްފައި އެނބުރި ނެރުން ވަންނަނިކޮށް ބޮއްކުރާ ރާޅެއްގައި ޖެހި، ފެތިގެން ބޮއްކުރާގައި ހުރި ހެޕީ ކޯނަރު ހަސަން ހުސެއިން ވަނީ 1985 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހު މަރުވެފައި
- ރަސްގެފަންނުގައި އޮތް ބޯޓަކަށް މުދާ އެރުވުމަށް ދޯންޏަކުން ނުކުމެ، ބޯޓަށް އަރަނިކޮށް ކަނޑަށް ވެއްޓި މޯނިންގްލޯރީ އަބްދުﷲ ލަތީފު ވަނީ 1972 ވަނަ އަހަރު މަރުވެފައި
- އައްޑު އަތޮޅަށް ކުރި ދަތުރެއް ނިންމާލުމަށްފަހު ރަށަށް އައިސް މާނޭރު ނެރުން އެއްގަމަށް ލަފަނިކޮށް ދޯންޏަށް ޖެހި ރާޅަކާއެކު ފެތި، މިސްކިތްމަގު އަވަށު ރިއަލީ، ފާތިމަތު އިބްރާހިމް ދީދީ ވަނީ 1990 ވަނަ އަހަރު ޖެނުއަރީ ދެވަނަ ދުވަހު މަރުވެފައި
- ބާލިޔާ، އަބްދުﷲ ސާދިގުގެ 14 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު އަރުއް ފަންނު ނެރަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި. އޭނާ މަރުވި ތާރީޚެއް އެނގޭނެ ގޮތެއް ނެތް
- ދަޑިމަގު އަވަށު ދޫރެސް ސާއިދު ނެރެގަނޑު ފަންނު މޫދަށް ގޮސް އުޅެނިކޮށް 1995 ވަނަ އަހަރު މާޗް ތިން ވަނަ ދުވަހު ވަނީ ގެނބިގެން މަރުވެފައި
- ދަޑިމަގު އަވަށު ނެރެގަނޑު ފަންނު ނެރަށް ބޮއްކުރައެއް ބަންޑުން ޖަހާލައިގެން 2000 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ ވަނީ ފުވައްމުލަކު ހުޅަނގުގެ އަލީ ޝަފީގާއި ހ. މަލާގާ، އިބްރާހިމް އާސިމް މަރުވެފައި
- މާނޭރެ ސަރަހައްދުގައި 2015 ވަނަ އަހަރު، އެރަށުގެ ހޮސްޕިޓަލްގައި މަސައްކަތް ކުރި ބޭރުގެ ޑޮކްޓަރަކު ވެސް ވަނީ ފީނަން އުޅެނިކޮށް އޮއިގަނޑުގައި ޖެހި ވީއެއް ނުވީއެއް ނޭނގި ގެއްލިފައި
ފުވައްމުލަކަށް އަރައި ފޭބުމުގައި ކުރިން ނުރައްކާތެރި ހާދިސާތައް ހިނގި ނަމަވެސް ބަނދަރު ހެދިފަހުން އެފަދަ ހާދިސާއެއް ހިނގި ކަމެއް އެނގިފައެއް ނުވެ އެވެ. 2003 ވަނަ އަހަރު ބަނދަރު ބޭނުންކުރަން ފެށި ފަހުން، ގިނަ މީހުން މަރުވެފައި ވަނީ މޫދަށް އެރި އުޅެނިކޮށް އޮޔާ ގޮސް، ގެނބިގެންނެވެ. މިފަދަ އެތައް ހާދިސާއެއް މިދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ހިނގާފައިވެ އެވެ.
1990 ވަނަ އަހަރު ކަނދުވަލި ފަންނަށް މޫދަށް ފައިބައިގެން އުޅެނިކޮށް ހިރިމާގެ ޝާފިޔާ(އިރާގު ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއަބްދުއްލާގެ އަންހުނުން) ވަނީ ގެއްލިގެން މަރުވެފައި. ް
މިއިން ކޮންމެ ޙާދިސާ އަކީ ވެސް އެހާދިސާ އާއިކުރިމަތި ލާން ޖެހުނު ޢާއިލާތަކުގެ ހިތްތަކުންފިލައިގެންނުދާނެހިތި ހަނދާންތަކެކެވެ. 2000 ވަނައަހަރު ހިނގި ޙާދިސާގައިނިޔާވި ޢަލީޝަފީގަކީ ޙާފިޒެކެވެ އޭނާއާއިއެކު އެރޭ ނިޔާވި އާސިމްއަކީ ވެސް ތަޢުލީމީ އަޙުލާގު ރަނގަޅު ހިތްހެޔޮ ގައުމީ ޚިދުމަތް ތެރިއެކެވެ. މާތްﷲ މި އެންމެހާ ބޭފުޅުންގެ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން