ކޮމްޕިއުޓަރު ކުރިމަތީގައި ނުވަތަ މޭޒުކައިރީގައި ގިނައިރު އިށީނދެގެން އިނުމަކީ މިއަދުގެ އޮފީސް މާހައުލުގައި އެންމެ އާންމު އެއް ކަންތައްތަކެވެ.
ނަމަވެސް، ސިއްހީ މާހިރުންނާއި ނިއުރޯސަރޖަންއިން އިންޒާރު ކުރައްވާ ގޮތުގައި، ގިނައިރު އިށީނދެގެން އިނުމަކީ ހަމައެކަނި ވަގުތީ ގޮތުން ބުރަކަށީގައި ރިއްސާ ކަމެއް ނޫނެވެ. މިއީ "ސިޓިންގ ޑިސީޒް" ނުވަތަ ގިނައިރު އިށީނދެގެން އިނުމުން މެދުވެރިވާ ސިއްހީ ނުރައްކާތެރި ހާލަތަކަށް މަގުފަހިކުރުވާ ކަމެކެވެ.
ގިނައިރު އިށީނދެގެން އިނުމުގެ ސަބަބުން ކޮންމެ ދުވަހަކު ބައިކަށީގެ ކައްޓާއި މަސްތަކަށް ބޮޑު ބާރެއް ކުރިމަތިވެ އެވެ. މީގެ ސަބަބުން ބައިކަށީގެ ކަށިތަކުގެ މެދުގައިވާ ޑިސްކުތަކަށް ބާރުބޮޑުވެ، "ސްލިޕްޑް ޑިސްކު" ނުވަތަ ނާރުތަކަށް ފިއްތުން ފަދަ ނުރައްކާތެރި މައްސަލަތައް މެދުވެރިވެ އެވެ. މީގެ އިތުރުން ހަށިގަނޑުގެ ލޭ ދައުރުކުރުން ދަށްވެ، މައިބަދައިގެ ބައްޓަން ބަދަލުވުމަށް މަގުފަހިވެ އެވެ.
ނާރުގެ ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، އޮފީސް މާހައުލުގައި މަސައްކަތްކުރަމުންވެސް ބުރަކަށީގެ ރިހުމުން ރައްކާތެރިވެ، މައިބަދައިގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ބޭނުން ކުރެވިދާނެ 9 މުހިންމު އުސޫލެއްވެ އެވެ.
ފުރަތަމަ ކަމަކީ އިށީނދެ އިންނަ ގޮތް ނުވަތަ "ޕޯސްޗާ" ރަނގަޅު ކުރުމެވެ. އިށީނދެ އިންނައިރު ބުރަކަށި ސީދާކޮށް، ފައިގެ ތަލައިން ބިމުގައި ފުރިހަމައަށް ޖެހިފައި ހުރުން މުހިންމެވެ.
ދެވަނަ ކަމަކީ "އާގޮނޮމިކް" ގޮނޑިއެއް ބޭނުން ކުރުމެވެ. މިއީ ބުރަކަށީގެ ތިރިއަށް (ލަމްބާ ސަޕޯޓް) އެކަށީގެންވާ އެހީތެރިކަން ދޭ ގޮނޑިއެކެވެ.
ތިންވަނަ ކަމަކީ އޮފީހުގައި "ސްޓޭންޑިންގ ޑެސްކު" ނުވަތަ އުސްކޮށް ތިރިކުރެވޭ މޭޒު ބޭނުން ކުރުމެވެ. މީގެ ސަބަބުން މަސައްކަތުގައި އުޅޭއިރު ކޮޅަށް ހުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ހަތަރުވަނަ ކަމަކީ ކޮންމެ 30 މިނެޓަކުން ނުވަތަ ގަޑިއިރަކުން ކުރު ބްރޭކެއް ނެގުމެވެ. މަސައްކަތުގެ މެދުތެރެއިން ތެދުވެ ކުޑަކޮށް ހިނގާލުމަކީ ލޭ ދައުރު ކުރުން އަވަސްކޮށްދޭ ކަމެކެވެ.
ފަސްވަނަ ކަމަކީ "ސްޓްރެޗިންގ" ހެދުމެވެ. އިށީނދެއިންނަ ވަގުތުތަކުގައި ބުރަކަށި، ކަންތައް އަދި ކަނދުރާ ކުޑަކޮށް ދަމާލައި ދޫކޮށްލުމަކީ މަސްތަކުގެ ފިއްތުން ކުޑަކޮށްދޭނެ ކަމެކެވެ.
ހަވަނަ ކަމަކީ "ލަމްބާ ސަޕޯޓް ޕިލޯ" ނުވަތަ ބުރަކަށީގެ ތިރީގައި ކުޑަ ކަންނޭލެއް ބޭނުންކުރުމެވެ. މިއީ އާންމު ގޮނޑިތަކުގައި އިންނައިރު މައިބަދައިގެ ސީދާކަން ހިފެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ.
ހަތްވަނަ ކަމަކީ ކޮމްޕިއުޓަރުގެ ސްކްރީން ލޮލުގެ މިންގަނޑަށް ބެހެއްޓުމެވެ. ސްކްރީން މާ ތިރިކޮށް ހުރުމުން ކަނދުރާ ގުދު ކުރަންޖެހި، މުޅި ބުރަކަށީގެ މައިބަދައަށް ބާރުބޮޑުވެ އެވެ.
އަށްވަނަ ކަމަކީ ހަށިގަނޑުގެ "ކޯ މަސްތައް" ނުވަތަ ބަނޑާއި ބުރަކަށީގެ މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ގަވާއިދުން ކުރުމެވެ. ވަރުގަދަ ކޯ މަސްތަކަކީ މައިބަދައަށް ލިބޭ އެންމެ ބޮޑު ރައްކާތެރިކަމެވެ.
އެންމެ ފަހު ނުވަވަނަ ކަމަކީ ގިނައިން ފެން ބުއިމެވެ. ހަށިގަނޑުގައި ތެތްކަން ހިފެހެއްޓުމަކީ މައިބަދައިގެ ޑިސްކުތައް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި އާދަތައް ދިރިއުޅުމުގެ ތެރެއަށް މަޑުމަޑުން އާލާކުރުމަކީ، އޮފީސް މާހައުލުގައި މަސައްކަތް ކުރަމުންވެސް "ސިޓިންގ ޑިސީޒް" އިން ރައްކާތެރިވެ، މައިބަދައިގެ ސިއްހަތު ދިގު މުއްދަތަކަށް ދަމަހައްޓައިދޭނެ ކަމެކެވެ.
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި