އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން އުފުލި ހަޑިހުތުރު ބަހުން ވާހަކަދެއްކި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލު ކޮށްފި އެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާ އަށް އަންނާނީ ގިނަވެގެން 4 މަހުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާގެ ހުކުމެކެވެ.

މި މައްސަލައިގައި އަބްދުއްރަހީމާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިހުތުރު އެއްޗެއް ބުނި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ބޭފުޅުންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް ތަހުގީގުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ވެސް ދައުވާކޮށްފަ އެވެ.