ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ނުބުނެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައެއް ހުށަހަޅާފައި ވަނީ މާލެ ކައިރީގައި މެރިއޮޓް އިންޓަނޭޝަނަލް އިން ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސް އިންނެވެ.

މާލެ ކައިރީގައި އޮންނަ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަނިކޮށް ރޭޕްކުރި ކަމަށް ބުނާ ޗައިނާ ޓޫރިސްޓު.

އެ ރިސޯޓުގެ ބަޓްލަރަކު ޗައިނާ ޓޫރިސްޓަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އަދި އެ އަންހެން ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯއާއި ޑޮކްޓަރު ދީފައިވާ ލިޔުންތަކުގެ ކޮޕީ ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.

މާލެ ކައިރީގައި އޮންނަ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރި ޗައިނާ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ އާއްމުކޮށްފައިވާ ލިޔުންތަކެއް.

މި ކަމާ ގުޅޭ ގޮތުން އެ ރިސޯޓުން ވަކި އެއްޗެއް ނުބުނެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕްލް ނަގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.