ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގޮތްތަކެއް ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ގޮތްތަކެއް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓްހަވާލުކުރުމާ މެދު ގޮތެއް ނިންމެވުމަށެވެ. ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލްސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިއަށްގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ145 ފްލެޓް، ރިޒާވް ލިސްޓުން މާކްސް ތަރުތީބުން ދިނުމަށްވެސް ނިންމަވާފަ އެވެ.
އަޅުގަނޑަކީ ނުކުޅެދޭ ކުއްޖަކާއި 18 ނުފުރޭ ކުއްޖަކާއެކު 2 ކުދިން ގެންގުޅެމުން އަންނަ މީހެއް. އަޅުގަޑައް ލިބުނު 65 ޕޮއިންޓް. ކީއްވެތޯ އަޅުގަނޑަށް ފުލެޓް ނުލިބުނީ. އަޅުގަނޑަކީ ވަންނާނެ އެއްވެސް ތަނެއް ހުރި މީހެއްް ނޫން.