އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރަޢީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ އިންތިހާބުތަކަށް ގެނައި 3 ވަނަ އިސްލާހާއި 4 ވަނަ އިސްލާހެވެ.
އެގޮތުން 3 ވަނަ އިސްލާހަކީ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހެވެ.
މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އެވެ. ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުން މިމަހުގެ 19 ވަނަ ދުވަހު އެވެ.
އިސްލާހުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެކެވެ.
އެ ޓެމްޕްލޭޓު އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާނެ ފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓު ނަންބަރު ޓެކްޓައިލްކޮށްފައި އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށް ކަމަށް އިސްލާހުގައިވެ އެވެ.
4 ވަނަ އިސްލާހަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
އެއިސްލާހުގައި ވާގޮތުން ރިޔާސީ އިންތިހާބުގައި ކުރިމަތި ލުމަށް ނަން ހުށަހެޅުމަށް 14 ދުވަސް ލިބޭނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހުން ފެށީގެން އޮގަސްޓު 7 ވަނަ ދުވަހާއި ހަމައަށެވެ. އަދި ރިޔާސީ އިންތިހާބުގައި ނަންތައް ތަރުތީބު ކުރުން އޮންނާނީ އޮގަސްޓު 9 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މިތާރީހަށް ބަދަލުއައުން އެކަށީގެންވެ އެވެ.