މާލެ ސިޓީ ކައުންސިލުން ބޮޑު އީދަށް ގިޑިގެތަކާއި ކުލަ ބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި އެވެ.

އީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ ޕްލޭން މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކަމަށް މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަޟްހާ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2،224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ރަމަޟާން މަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައް ވެސް ޒީނަތްތެރި ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން މާލެސިޓީގެ މޭޔަރު ޑރ މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވަނީ އެފަދައިން އެކަން ކުރުމަށް ނިންމާފައި ކަމަށެވެ.

އަޟްޙާ އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަ ކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިފަދައިން ހިންގި ފުރަތަމަ ހަރަކާތަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތައް ޒީނަތްތެރިކުރުން ވެގެންދާނީ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށެވެ.